ޚަބަރުސިޔާސީ

ފިޔާކޮޅަކަށްވުރެ މިނިވަންކަން މާ މުހިންމު: ރައީސް ޔާމީން

އަވަށްޓެރި އިންޑިއާ ސަރުކާރުން ވިއްކާ ފިޔާ ކޮޅަކަށްވުރެ، މިނިވަންކަން މުހިންމު ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ”އަދަދު“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވަނީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ދެކޮޅަށް ކުރިޔަށް ގެންދާ ”އިންޑިއާ އައުޓު“ ކެމްޕެއިންގެ ސަބަބުން ދިވެހިންނަށް އޮތީ ކޮން ގެއްލުމެއް ތޯ ސުވާލު އުފައްދަވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ގެއްލުން ވަނީ އިންޑިއާއިން ގެންނަ ފިޔާ، އަލުވިކޮޅު ނުލިބުންތޯ ނުވަތަ މުޅި ގައުމު އަޅުވެތިކަމުގައި ތިބުންތޯ ސުވާލު ކުރައްވާފައެވެ.

”މި ޗޮއިސް ނޫންތޯ ނަގަންވީ. މި ޗޮއިސް ނަގަންވީ. އިންޑިއާގަ މިސާލަކަށް އެކި އެކި ބޭނުމަށް ދިވެހިން ގޮސް ތިބޭ ތިބުންތޯ މުހިންމުވެގެން މިއުޅެނީ، ނުވަތަ މުޅި ރާއްޖެ އަޅުވެތިވުން ތޯ ބޭނުންވަނީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ފާހަގަކުރެއްވިގޮތުގައި އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އޮތުމަކީ ޗޮއިސް އެއް ނޫން ކަމުގައެވެ. އަދި އެއީ ރާއްޖެއަށް ހެޔޮއެދިގެން އުޅޭ ބައެއް ނޫންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ފުލުހުން އައިސް ގަދަކަމުން ”އިންޑިއާ އައުޓު“ ބެނާތައް ނައްޓަނީ ގަދަބާރުން. ދިވެހިން މިނިވަންކަމުގެ ދިފާއުގައި ނިކުތީމަ ފުލުހުން ނިކުމެ އެ ކުރަނީ އިންޑިއާ ހިމާޔަތް. ދެން ޖާނަލިސްޓުން މިކަން ވިސްނަވާ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި ”އިންޑިއާ އައުޓު“ ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ބޯ ލެނބުމުގެ ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އެ ގަރާރު ޣައިރު ގާނޫނީ ގަރާރަކަށް ވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button