ޚަބަރު

އެމްޑީޕީން ވަކިވާންވީ: އިންތިގެ ސަޕޯޓަރުން

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޕާޓީން ވަކިވާން ޖެހިއްޖެ ކަމުގައި އިންތިހާބުން ބަލިވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ( އިންތި ) ގެ ސަޕޯޓަރުން ބުނެފިއެވެ.

ފައްޔާޒްގެ ކާމިޔާބާ އެކު އިންތިގެ ވަރަށް ގިނަ ސަޕޯޓަރުން ވަނީ މާޔޫސް ވެފަ އެވެ. އިންތިގެ ބައެއް ސަޕޯޓަރުން ބުނި ގޮތުގައި ފައްޔާޒް އެ ޕާޓީގެ ޗެއާރޕާސަން ކަމަށް އައުމުން މުޅި ފާޓީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެގެންދާނެއެވެ. އަދި އެކޮރަޕްޝަނުގެ ”ފާފަ“ އެޅެންބޭނުންނުވާތީ ޕާޓީން ވަކިވާން ބޭނުންކަމުގައި އެމީހުން ބުންޏެވެ.

 

އިންތިގެ ސަޕޯޓަރުންގެ ތެރެއިން ބައެއް މީހުން ބުނިގޮތުގައި އެމްޑީޕީ ދޫކޮށް ޕީޕީއެމަށް ދާން ވެސް ޖެހިދާނެއެވެ.

މި އިންތިހާބަކީ އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވެގެންދިޔަ އިންތިހާބަކަށް މިވަނީ ވެފައެވެ. ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފާޅުގައި ދެ ފެކްޝަނަކަށް ވަޑައިގެން ކެނޑިޑޭޓުން ނެރެ، ދެ ފަރާތުން ވެސް ކަނޑި އާއި ކަނޑިވީއެވެ.

މި އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ ބައެއް މީހުން ދެކޭ ގޮތުގައި ސަރުކާރާއި ކުންފުނިތަކުގެ ނުފޫޒު ބޭނުންކޮށްގެންނެވެ. އަދި ވައްކަމާއި ކޮރަޕްޝަނުގެ އެތަށް ތުހުމަތުތަކެއް ފައްޔާޒުއަށް އިންތި ސަޕޯޓަރުން އަންނަނީ އަމާޒުކުރަމުންނެވެ.

މި އިންތިހާބަކީ، ރައީސް ނަޝީދަށް ސިޔާސީ ކުރިމަގު ނެތްކަން ސާފުކުރުވި އިންތިހާބެއްކަމަށާއި އަދި އިންތިގެ ނާކާމިޔާބު ގޮސް ގުޅެނީ ވެސް ނަޝީދުގެ ތާއީދު އޮތް ވަރާ ކަމަށް ބައެއް މީހުން ވަނީ ގުޅުވައިފަ އެވެ. ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގައި ބާއްވާ ހުރިހާ އިންތިހާބެއްގައިހެން ރައީސް ނަޝީދުގެ ކެނޑިޑޭޓުންނަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނީ ނަޝިދު ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތް ކުރުމުންކަމުގައިވެސް ބައެއް މީހުން ވަނީ ސިފަ ކޮށްފައެވެ.

އިންތިގެ ވަރަށް ގިނަ ސަޕޯޓަރުން އަންނަނީ އިންތިހާބާއިމެދު އެމީހުންގެ ހުރި ހިތްހަމަ ނުޖެހުންތަށް ޓްވިޓާގައި ހިއްސާ ކުރަމުންނެވެ.

މި އިންތިހާބާއި ގުޅިގެން އިންތިހާބު ކާމިޔާބު ކުރެއްވި ކެނޑިޑޭޓް ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން އެނގިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް އިތުބާރު ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button