
ގުރުއާނާއި ސުންނަތް ނޫން އެހެން ގޮތެެއް ބޭނުންފުޅުވާކަމަށް ދުވަހަކުވެސް ވިދާޅުނުވާކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ސޯލިހު މުސްލިމުންގެ ތެރެއިންވާ ބައެއް ކަމުގައެވެ.
”ލާދީނީއޭ ބުނުމަކީ ވަރަށް ހިތުގައި ޖެހޭ ކަމެއް. އެހެން އެތައް އެއްޗެހި ގޮވިޔަސް އަޅުގަނޑަށް ހެޔޮ. ގަންޖާބޯއޭ ގޮވިޔަސް ހެޔޮ. އެކަމާ ވަރަށް ދެރަވޭ. ސިޔާސީ މީހުންނަށް އެނގޭ އަޅުގަނޑު ބޮޑުވެގެން އައިގޮތް. އެހެންވީމާ ތަދުވާ ތަނުގައި ޖަހަނީ.“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ގުރުއާނާއި ސުންނަތް ނޫން އެހެން ގޮތެއް ބޭނުންވާކަމަށް މީގެ ކުރިން ވިދާޅުވި މައްސަލައަށް ރިއާޔަތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ ދުވަހަކުވެސް އެބާވަތުގެ ވާހަކަފުޅެއް ނުދައްކަވާ ކަމުގައެވެ.
”އަޅުގަނޑު ދައްކާފަ ހުރި ވާހަކަތަކުގެ މާނަ އޮޅުވާލާ. ސިޔާސީ މީހުން ދެއްކި ވާހަތަކުގެ ސަބަބުން އަޅުގަނޑަށް އަނިޔާވެސް ލިބުނީ.“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ޑެންމާކުގައި އެމަނިކުފާނު މީގެ އަހަރުތަކެއް ކުރިން ދެއްކެވި ވާހަކަފުޅުގައި ވަނީ މީހަކަށް ނުނިދިގެން ޝޭހަކަށް ގުޅުމުން ގުރުއާނުގެ އާޔަތަކާއި ހަދީޡެއް ބުނާނެ ކަމަށާއި، ދެން އެއަށް އަމަލު ކޮށްގެން ނިދުމުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭ ޖަހުމަށް އެ ނޫން ގޮތެއް ހޯދަން ޖެހޭ ކަމުގައެވެ.