
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލީ މީހުން މަގާމުތަކުގައި ތިބުމަކީ ދެރަ ކަމެއް ކަމުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއަކު ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ އާއިލީ މީހުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބިކަމުގައެވެ.
“ އެއީ ދެން ވަރަށް ދެރަ ކަމެއް. ސަރުކާރުގެ ތެރޭގައި އާއިލީ ވެރިކަމެއް ހިނގާ ހިސާބަށް ދިޔައީމާ ދެން އަޅުގަނޑެއް ނުހުންނާނަން.“ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ފާހަގަކުރެއްވިގޮތުގައި ވެންޓިލޭޓަރުގެ ވައްކަމާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން އެމަނިކުފާނުގެ ބައިވެރިވުން އޮތް އަދުގެ ކޯލިޝަން ސަރުކާރު ވަނީ ނުކުޅެދިފައެވެ. އަދި ހުދުމުހުތާރު ވެރިކަމެއްގެ ސިފަ އެމަނިކުފާނު އަމިއްލަފުޅަށް ގެންނެވި ސަރުކާރުގެ ތެރެއިން ފެންނަމުންދާ ފަދަ މޭރުމަކުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.