
”އިންޑިއާ އައުޓު“ ކަރުދާސްތައް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ ގޭ ދޮރުމައްޗަށް އަޅައިފިއެވެ.
މިކަން ހިނގާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެެއްގައެވެ.
ޝާހިދު އާއި މާރިޔާގެ ގޭ ދޮރުމައްޗަށް ”އިންޑިއާ އައުޓު“ ކަރުދާސްތައް އަޅާފައި މިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްލަގައްޔޫމުގެ ގެކޮޅު ކުރި މައްޗަށް އެމަނިކުފާނު ހައްޔަރު ކުރުމަށް ޝުއޫރު ފާޅުކޮށްފައިވާ ކަރުދާސްތަކެއް އެޅިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.
ހުޅުމާލޭގައި ހުންނަ އިންޑިއާ ސަފީރު މުނު މަހާވަރުގެ ގެ ކުރިމައްޗަށް “އިންޑިއާ އައުޓު” ކަރުދާސްތައް މިމަހުގެ 10 ވަނަ ދުވަހުގައި ވަނީ އަޅައިފައެވެ. އަދި މިމަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މަޖީދީމަގުގައި ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތަކާ އަދި އިންޓަނެޓް ކޭބަލް ފޮށިތަކުގައި “އިންޑިއާ އައުޓު” ކަރުދާސްތަކެއްވެސް ތަތްކުރިއެވެ.
“އިންޑިއާ އައުޓު” ލިޔެގެން ޝުއޫރު ފާޅު ނުކުރެވޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ގަރާރު ނެރުއްވިފަހުން ސްޕެލިން ބަދަލުކޮށްގެންވެސް ގެތަކުގައި ބެނާ ދަމާފައިވެއެވެ. އަދި “އިންޑިއާ އައުޓު” ކަރުދާސްތައް އިންޑިއާ އެމްބަސީ އާއި ރައީސް އޮފީސް ދޮރުމައްޗަށާއި މާލޭގެ އެކި ސަރަހައްދަށް ޖުމްލަ 5 ފަހަރު އަޅާފައިވެއެވެ.