ޚަބަރުސިޔާސީ

މަޑިވަރު އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް، ޝިޔާމްގެ ހިފެހެއްޓުމެއް ނެތް ޝުކުރު ރައީސް ޔާމީނާއި އުއްޗުއަށް!

ޅ.މަޑިވަރު އެއާޕޯޓަށް މިއަދު ޓެސްޓު ފްލައިޓް ޖެއްސުމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ހާއްސަ ޝުކުރެއް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެއަރޕޯޓު ތަރައްގީކުރި މަޑިވަރު ހޯލްޑިންގްސްގެ މަނޭޖިންގ ޑައިރެކްޓަރ މުހައްމަދު މޫސާ (އުއްޗު) އަށް ދަންނަވައިފިއެވެ.

މެންބަރު ޝިޔާމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ މާތް ﷲ ގެ ތަނަވަސް ރަޙުމަތުން ފާދިއްޕޮޅުގެ ލޮބުވެތި ރައްޔިތުންގެ އެންމެބޮޑު ހުވަފެން ހަގީގަތަކަށްވެގެންދިޔަ އުފާވެރި ދުވަސް ކަމުގައެވެ.

ފާދިއްޕޮޅުގައި އެއަރޕޯޓެެއްގެ ޚިދުމަތް ފެށޭނެ ދުވަހެއްގެ އުއްމީދަކީ އަތޮޅުގެ ލޮބުވެތި ރައްޔިތުންގެ އެތައް އަހަރެއްގެ ދިގު އިންތިޒާރެއްގެ އުއްމީދެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

”ރައީސް ޔާމިންގެ ވިސްނުންފުޅަކީ މަޑިވަރާއި ނައިފަރު ބުރިޖަކުން ގުޅުވާލާ ނައިފަރުގެ ހުޅަނގުފަރާތުން 50 ހެކްޓަރ ހިއްކެވުން. އެއިރުން ނައިފަރުގެ ބިމަށް އއިތުރުއެކުރެވުނީ މިހާރު ނައިފަރުގެ ބިމުގެ ސައިޒުގެ ބޮޑުބިމެއް.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޒަމާންވީ ހުވަފެނުގައި ކުލަޖައްސަވައިދެއްވި މަޑިވަރު އެއަރޕޯޓުގެ ހަގީގީ ބާނީ އަކީ ރައީސް ޔާމީން ކަމުގައެވެ.

މަޑިވަރު އެއަރޕޯޓު ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއާ ރައީސް ޔާމިންގެ ސަރުކާރުން ހަވާލުކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގައެވެ. އަދި އެ ތާރީހީ ވަގުތަށް ވާސިލްވުމަށް ރައީސް ޔާމީން އަރިހުގައި ކުރެވުނު ގިނަގުނަ މަސައްކަތްތަކާ ދޭތެރޭ ފަހުރުވެރިވާކަމުގައި ޝިޔާމް ވިދާޅުވިއެވެ.

”މަޑިވަރު އެއަރޕޯޓުގެ ވިސްނުމަކީ ރައީސް ސޯލިހުގެ ސަރުކާރާ ބީރައްޓެހި ވިސްނުމެއް. މަޑިވަރު އެއަރޕޯޓު މަޝްރޫއާ ގުޅިގެން ރައީސް ސޯލިހު އަޑީގައި ހުންނަވާ ’ސޭވް މަޑިވަރު‘ ގެ ނަމުގައި މަޑިވަރު އެއަރޕޯޓުގެ ތަރައްގީއަށް ހުރަސްއެޅުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުތެރޭގައި ވަނީ އަޑު އުފުލާ އިހުތިޖާޖުކޮށްފައި. އެ ނުރުހުންތެރިކަމާ އިހުތިޖާޖުތައް މިއަދު ވަނީ ކަޅު ސަފްހާތަކެއްގެ ތާރީހަކާއި އެކު މާޒީވެފައި.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ފާހަގަކުރެއްވިގޮތުގައި މަޑިވަރު އެއަރޕޯޓަކީ ފާދިއްޕޮޅަށް އިންގިލާބީ ހެޔޮބަދަލެއް ގެނުވާނެ އެއަރޕޯޓެކެވެ. އަދި އިގްތިސާދީގޮތުންނާއި އިޖުތިމާއީ ގޮތުން އެ އަތޮޅުގެ ތަރައްގީއަށް އެޅިގެންދިޔަ އެންމެވަރުގަދަ ބިންގާ ކަމުގައި ޝިޔާމް ވަނީ މަޑިވަރު އެއާޕޯޓް ސިފަކުރައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button