ޚަބަރުސިޔާސީ

ޖަލުތަކުގެ ވާހަކަ ޔުމްނާ ދެއްކެވުމުން ނޫސްވެރިންވެސް ރަތަށް!

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު އުޅުއްވަނީ ޖަލުތައް ބޮޑު ކުރައްވައިގެން ރައްޔިތުން ޖަލަށް ލާން ކަމުގައި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވުމުން ނޫސްވެރިން އެކަމަނާއަށް ރައްދު ދެއްވައިފިއެވެ.

އެގޮތުން ވަގުތު ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މީޑިއާ ކައުންސިލްގެ މެންބަރު އާދަމް ނަވާޒު ވިދާޅުވީ އޭނާގެ މަންމަ ދެމަހުގެ ކޮއްކޮ އާއިއެކު ހައްޔަރު ކުރީ މިނިސްޓަރު ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅު ލިޔުންތަކެއް އޭނާގެ ބައްޕަ ލިޔުނު ކަމަށް އޭނާގެ މަންމަ ހެކިބަސް ނުދީގެން ކަމުގައެވެ.

ނަވާޒު ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ކޮށްފިއްޔާ މައުމޫނު އަދިވެސް އޮންނާނީ ޖަލުގައި ކަމުގައެވެ.

ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ލިޔުންތެރިޔާ ޝިފްޒާން އަހުމަދު ރަޝީދު ވަނީ ޔުމްނާއަށް ރައްދު ދެއްވުމުގެ ގޮތުން އެ ކަމަނާގެ ބައްޕާފުޅު ވެރިކަން ކުރެއްވީ ޖަލެއް ނުވަތަ ހުރަގެއެއް ނާޅުއްވާ ކަމަށް ވިދާޅުވެ މަލާމާތް ކުރައްވާފައެވެ. އަދި މަޖިލިސް ރައިސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ޝިފްޒާން ވިދާޅުވީ ޔުމްނާ އާއި އެމަނިކުފާނު ބައްދަލު ކުރައްވައި ރައީސް މައުމޫންގެ ވެރިކަން ނިމުނުގޮތް އެކަމަނާއަށް ހިއްސާކޮށްދެއްވުމަށެވެ.

ޗެނަލް 13 ގެ ނިއުސް ހެޑް މަރިޔަމް އިސްއާދާވެސް ވަނީ ޔުމްނާ މައުމޫނު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ޔުމްނާގެ ބައްޕާފުޅު ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ތުނބުޅީގައި ޗިލީ ސޯސް ލައި ޖަލަށް ލީ ހަނދާން ނެތުނީތޯ މަރިޔަމް ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން ޗެނ؛ަލް 13 ގެ ޑެޕިއުޓީ އެޑިޓަރު މަރިޔަމް ލަހުފާ ޚަލީލް ޔުމްނާއަށް ރައްދު ދެއްވުމުގެ ގޮތުން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ވިއްކާލުމުގެ ފަހަތުގައި ތިބި ސަރުކާރު ކޯލިޝަންގެ އިސް ވެރިން ލުމަށް ޖަލުތައް ބޮޑު ކުރަން ޖެހޭ ކަމުގައެވެ.

ލަހުފާ ވިދާޅުވިގޮތުގައި ޣައްދާރުންނާއި، ޚާއިނުންނާއި ޚިޔާނާތްތެރިން ދާންޖެހޭނީ ޖަލަށެވެ. ރައީސް މައުމޫނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ.

ދިވެހި ޗެނަލްގެ ކުރީގެ ނުސްވެެރިޔާ މަރިޔަމް ޝިއުނާ ފާހަގަކުރެއްވިގޮތުގައި މި ސަރުކާރު ގެނެސް ރައްޔިތުންނަށް ނިކަމެތި ހާލު ޖެއްސި ހުރިހާ ޑީލަރުންނާއި ޚާއިނުން ލާނެ ބޮޑު ޖަލެއް ހުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

ޝިއުނާގެ އިތުރުން ޗެނަލް 13 ގެ ކުރީގެ ނޫސްވެރިޔާ ހުސެއިން ނާސިފް ވަނީ މީހުންގެ ދުލުގައި ހިފާ ނުދެމުމަށް މިނިސްޓަރު ޔުމްނާއަށް ނަސޭހަތްތެރިވެފައެވެ. އޭނާ ހާމަކުރެއްވިގޮތުގައި 30 އަހަރު ވަންދެން ބަލާލެވޭ ގޮތަކުން ވެސް ޖަލުގެ ތޭރިތަކުގެ ތެރެއަށްލާ އަނިޔާ ދީގެން، ކަލާންގެ އަކަށް ހެދިވަޑައިގެން ވެރިކަންކުރެއްވި ޔުމްނާގެ ބައްޕާފުޅަށްވުރެ އިންސާނުންނަށް އަނިިޔާވެރިވި ދެވަނަ ބޭފުޅަކު ނުހުންނާނެއެވެ. އަދި އެ ކަމަނާގެ ބައްޕާފުޅުގެ އަނިޔާ ނުލިބޭ މީހަކު ނެތްކަންވެސް ނާސިފް ފާހަގަކުރެއްވިއެވެ.

”ބޮންތި“ ނޫހުގެ އެޑިޓަރު އިބްރާހީމް އަބާން އަބްދުއްލަތީފްވެސް ވަނީ ޔުމްނާއަށް ރައްދު ދެއްވާފައެވެ. އަބާން ވިދާޅުވީ ޔުމްނާގެ ބައްޕާފުޅުގެ ވެރިކަމުގަ ”އަބްދުލް ގައް…..“ ކިޔާ އިރު އޮންނަނީ ޖަލުގައޭ ރަށުތެރޭގައި ކިޔާތީ އަޑު އަހާ ކަމުގައެވެ.

އަބާންގެ އިތުރުން ގިނަ އާންމުންވެސް ވަނީ މިނިސްޓަރު ޔުމްނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކަމަނާގެ ބައްޕާފުޅަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button