ޚަބަރުސިޔާސީ

މާފަންނު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމް ޕީއެންސީން ބޮޗޭ ވާދަކުރައްވަނީ!

މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އެދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި އަބްދުﷲ ރިފާއު (ބޮޗޭ) ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

އޭނާ މިކަން އިއުލާން ކުރައްވާފައިވާއިރު، އޭނާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ އިއްޔެ ކުރެއްވުމާގުޅިގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިން މިއަދު ފަށްޓަވާފައެވެ.

ބޮޗޭއަކީ ހުޅުލެ އަލްމަރްހޫމް އިބްރާހިމް ހަސަން އާއި ގއ.ކޮލަމާފުށި އިރުފެންނަގޭ އައިމިނަތު އާދަމަށް ލިބިވަޑައިގެންނެވި 7 ބޭފުޅުންގެ ތެރެއިން ދެވަނައަށް ދޮއްޓަށް ލިބިވަޑައިގެންނެވި ދަރިކަލުންނެވެ.

މަޖިލިސް މެންބަރު ކަމުގައި އޭނާ ވަނީ މަޖިލީހުގައި ކުރެވެނު ގާނޫނީ ހުރިހާ މަސައްކަތެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ހާޒިރީން ފުލް މާކްސް ހޯއްދަވާފައެވެ. އަދި ޒުވާން މަޖިލިސް މެންބަރުންގެ ބައިނަލްއަގްވާމީ ޔޫނިއަން ކަމުގައިވާ އިންޓަޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ސައުތު އޭޝިއާ މެންބަރުކަމަށް ބޮޑު އަޣުލަބިއްޔަތަކާއެކު ދެ ދައުރަށް ބޮޗޭ އިންތިހާބުވެވަޑައިގެންނެވިއެވެ. އެކަން ވެގެން ދިޔައީ ރާއްޖެއަށާއި، ދާއިރާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައެވެ.

މާލީ ދާއިރާއިން ޑިގްރީ އަދި އެޑިއުކޭޝަން ދާއިރާއިން ބޮޗޭ މާސްޓަސް ހާސިލް ކުރައްވާފައިރު، އޭނާ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޒުވާނުންގެ ހިދުމަތުގައެވެ. އެގޮތުން ޔޫތު މިނިސްޓްރީގެ އެސިސްޓެން ޑިރެކްޓަރ ކަމުގެ މަގާމުން ފެށިގެން ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު ފުރުއްވިއެވެ.

އެ މަގާމުގައި ހުންނަވައި ބޮޗޭ ވަނީ 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި، މާފަންނު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ދާއިރާގެ ރައްޔިތުންގެ ބޮޑު ތާއީދާއެކު އިންތިހާބު ވެވަޑައިގެންފައެވެ. އަދި މިއަދުވެސް އެދާއިރާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަލައިގަންނަނީ އޭނާ އަކީ ރައްޔިތުނާ ގާތުން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީކަމަށް ބޮޗޭއަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމުގައި ހުންނެވި ދުވަސްވަރު، ބޮޗޭގެ މެންބަރު ކަމުގައި، އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި މާފަންނު ރައިވެރިބެ މައިޒާންގެ ނަމުގައި ކުޑަކުދިންގެ ޕާކަކާއި، މުއިވެޔޮ ބަގީޗާއާައި، މޫދަށް އެރޭ ހިތްގައިމު ރަސްފަންނު ތަރައްގީކޮށް، އިޖުތިމާއީ ދުޅަހެޔޮކަން ދާއިރާގެ މެދުގައި ވަނީ ގާއިމްކޮށްފައެވެ. އެ މަސައްކަތުގައި ބޮޗޭގެ ވަރަށް ބޮޑު އެހީތެރިކަމެއް ސަރުކާރަށް ވަނީ ލިބިގެން ގޮސްފައެވެ.

2018 ވަނަ އަހަރު ޕީޕީއެމަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީ ގުޅިގެން ކުރެވުނު އެންމެ ބޮޑު ސިޔާސީ ދެ މަސައްކަތް ކަމުގައިވާ، ސަރުކާރު ޒިންމާދާރު ކުރުވުމާއި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ހިންގުނު ހަރަކާތްތަކުގެ އަމަލީ މައިދާނުގެ އިސް ސަފުންވެސް ބޮޗޭ ވަނީ ފެނިގެން ގޮސްފައެވެ. އަދި ތަފާތު އެތައް ފަހަރެއްގެ މަތިން ސިޔާސީ މަސައްކަތުގައި އޭނާ ވަނީ ފުލުހުންގެ ބަންދަށް ގެންދެވިފައެވެ.

ބޮޗޭއަށް ތާއިދުކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި އޭނާއަކީ ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް ބެއްލެވުމެއް ނެތި ޖުމްލަކޮށް ހުރިހާ ރައްޔިތުންނާވެސް ވަރަށް ގާތް ގުޅުމެއް ބޭއްވެވި މެންބަރެކެވެ.

”އޭނަ ރުޅިއެއް ނާންނާނެ، ހިތްހަމަނުޖެހުނީމަ ހުންނާނީ މަޑުން. ދެން އެހެން އިނދެ ބަލާނެ ހައްލު ކުރެވޭތޯ. ބައެއް ފަހަރު ބުނަން ބޮޗޭ އޭ، އެންމެން ގޮވައިގެން ކިހިނެއް ހޭ އުޅޭނީ. ބުނާއިރަށް ކިޔާނެ، ދައްތާ ރަނގަޅުވާނެއޭ.“ ބޮޗޭ ދަންނަ ދާއިރާގެ މީހަކު ކިޔައިދިނެވެ.

 

ކޯލް ކެންވާސިންގ ސެންޓަރުގެ ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގެ ވަރަށް މުހިންމު މަސައްކަތްތަކެއް 50 ބޭފުޅުންގެ ޓީމަކުން މެނޭޖުކޮށް ބެލެހެއްޓެވީވެސް ބޮޗޭ އިސްވެ ހުންނަވައިގެންނެވެ.

”މިތަނުން ކުރި ކަމަކީ ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ތާއީދު ހޯދުމާއި، އެ ދެބޭފުޅުން ކެމްޕެއިންގަައި ކުރައްވަމުން ގެންދެވި ދަތުރުފުޅުތަކުގެ ރަށްތަކަށް އަންގައި، އިވެންޓުތަކަށް ދައުވަތު ދިނުން.“ ކޯލް ކެންވާސިންގް ސެންޓަރުގެ މެންބަރަކު ވިދާޅުވިއެވެ.

ބޮޗޭގެ ސަޕޯޓަރުން ދެކޭގޮތުގައި އިތުރު ދައުރަކަށް އޭނާ މާފަންނު ދެކުނު ދާއިރާގެ މެންބަރު ކަމަށް އިންތިހާބު ކުރަން ޖެހެނީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ދާއިރާގެ ބޯހިޔާވެހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ ވައުދާއި، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ތަނަކަށް ދާއިރާ ހެދުމުގެ ވައުދު ފުއްދެވުމުގެ ސަރުކާރު މަންދޫބަކަށް ގާބިލް ބޭފުޅަކު އިންތިހާބު ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button