ޚަބަރު

އަދާލަތު ޕާޓިން ރިޔާސީ އިންތިހާބުތަކުގެ ތެރެއަށްވަނީ ދިރާސާކޮށް ހިސާބުޖެހުމަށްފަހު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ

އަދާލަތު ޕާޓީން ރިޔާސީ އިންތިހާބުތަކުގެ ތެރެއަށް ވަންނަނީ ގިނަ ދިރާސާތަކެއްކޮށް ހިސާބުޖެހުމަށްފަހުގައިކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ 2008، 2013 އަދި 2018 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީއިން ބައިވެރިވީ ވަރަށް ގިނަ ދިރާސާކޮށް، މަޝްވަރާކޮށް، އަދި ހިސާބު ޖެހުމަށްފަހު ކަމަށެވެ.

”މިއަހަރު މިކަންކަން ކުރިއަށްވުރެވެސް ތަރުތީބުން ކުރެވޭ ކަމަކީ އުފާކުރާ ކަމެއް. އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާ ފެންނާނެ“ އިމްރާން އިތުރަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިމްރާނު މިހެން ވިދާޅުވެފައިވީނަމަވެސް، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނާއި ރައީސް ނަޝީދު ވާދަކުރެއްވިއިރު، އަދާލަތު ޕާޓީން އަދި އިމްރާނުވެސް ތާއީދުކުރެއްވީ ރައީސް ނަޝީދަށެވެ. އޭގެ ދުވަސްކޮޅެއްފަހުން ރައީސް ނަޝީދަކީ ލާދީނީ މީހެއްކަމަށް ތުހުމަތުކޮށް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިމްރާނު ތާއީދުކުރެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދަށް ތާއީދުކުރައްވައި ބޭއްވި ކެމްޕެއިން ޖަލްސާއަށް ދެދުވަސް ނުވަނީސް ދެން އެމަނިކުފާނު ފެނިވަޑައިގަތީ، ޖުމްހޫރީ ޕާޓީގެ ރައީސް، ގާސިމް އިބްރާހިމަށް ތާއިދުކުރައްވަން ފެށްޓެވިތަނެވެ.

މިއާއެކު، އެމަނިކުފާނުވަނީ ސިއްރިއްޔާތުގައި އިދިކޮޅު އިއްތިހާދުގެ ލީޑަރު، ރައީސް ޔާމީނަށް އެފަހަރު ތާއީދުކުރައްވާފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އޭގެ ކުރިން ލާދީނީ ސަރުކާރުކަމަށް އިމްރާން ވިދާޅުވި އެމްޑީޕީއާ އަލުން ގުޅިވަޑައިގެން، އެ އިންތިހާބުގައި އަދާލަތު ޕާޓިން ވަނީ ބައިވެރިވެފައެވެ. ދީން ނިވާފަތްގަނޑަކަށް ހަދައިގެން އަދާލަތު ޕާޓީން، އަމިއްލަ މަންފާ ހޯދާކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، އެއީ މީހުންގެ ތާއީދު އޮންނަ ޕާޓީއެއްކަމަށް ފާހަގަނުކުރެވެއެވެ. ސަބަބަކީ އެޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައިވެސް ބައިވެރިވާ މެމްބަރުންގެ އަދަދު 1000 އަށްވެސް ނާރާތީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button