ޚަބަރުސިޔާސީ

މެންބަރުންގެ ގަޔަށް އަތްލައި، މާރާމާރީ ހިންގުމުގެ އަޑީގައި ހުންނެވީ މަޖިލިސް ރައީސާއި، ރައީސް ސޯލިހު: ޕީއެންސީ

ސަރުކާރުގެ ވަޒީރު ބޭފުޅުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މިއަދު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކަންކަން ހޫނުވެ، މަޖިލިސް ތަޅުމުގައި މެންބަރުން އެކަކު އަނެކަކު ގަޔަށް އަތްލައި، މާރާމާރީ ހިންގި އިރު، އެކަމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި، މަޖިލިސް ރައީސް މުހައްމަދު އަސްލަމް ކަމުގައި ޕީއެންސީން ވިދާޅުވެއްޖެއެވެ.

ޕީއެންސީން ވިދާޅުވީ ރައީސް ސޯލިހުއާއި މަޖިލިސް ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމުގައިވާ އެމްޑީޕީގެ މެންބަރުން ހަމަނުޖެހުން ހިންގާފައިވާ ކަމުގައެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯ ފަޅާލައި، ނުރައްކާތެރި ހާލަތަކަށް ތަޅުމުގެ ހާލަތު ބަދަލުވެގެންދިޔައިރުވެސް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ބަދަލުގައި މަޖިލިސް ރައީސް އަސްލަމް އެކަމަށް ހިތްވަރު ދެއްވާފައިވާކަމަށާއި އެކަން ބަލައިނުގަނެވޭނެކަމަށްވެސް ޕީއެންސީން ވިދާޅުވެފައިވެއެވެ. އަދި މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، މިއަދު މަޖިލީހުގައި ކަން ހިނގާދިޔަގޮތް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމުމާގުޅިގެން މަޖިލިސް ދޮށަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަށް އެއްވެ މުޒާހަރާވެސް ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button