ޚަބަރު

ރަސޫލާއަށް ފުރައްސާރަ ކުރި މީހާ ފުރީ މައުލޫމާތު ހޯދަމުން ދަނިކޮށް: ފުލުހުން

ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މީހާ ފުރީ މައުލޫމާތު ހޯދާ އޭނާފުރުން މަނާކުރަން އަމުރުނެރެން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ޝައިހާން ފުރައިގެން ދިޔައީ ދީނަށް ފުރައްސާރަކުރި މައްސަލައިގައި އޭނާ ފުރުން މަނާކުރުމުގެ އަމުރު ހޯދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކަމަށެވެ.

”ތި ފާހަގަކުރެވުނު މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެވުނު. އެ މައްސަލައިގަ ތުހުމަތު ކުރެވޭ މީހާ ފުރުން މަނާކުރުމުގެ އަމުރަކަށް އެދުމަށް ތައްޔާރުވަމުން ދަނިކޮށް އޭނާ ފުރައިގެން ދިޔައީ.“ ރިޔާޒު ވިދާޅުވިއެވެ.

މިހާރުގެ ޖިނާއީ އިޖުރާތު އޮންނަ ގޮތުން ޕާސްޕޯޓެއް ހިފެހެއްޓުމަށްޓަކައި މުހިންމު ބައެއް މައުލޫމާތާއި ސަބަބުތައް ހުންނަންޖެހޭ ކަމަށާއި، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެދެނީ އެކަންކަން ކަމާބެހޭ ފަރާތުން ހޯދައި، ހެއްކާއެކު ވެރިފައި ކުރުމަށްފަހުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މައްސަލައިގައި ތުހުމަތުވާ ޝައިހާން ފުރައިގެން ދިޔަނަމަވެސް އެ ފަރާތުގެ މައްޗަށް އޮތް ތުހުމަތުން ބަރީއަނުވާނެ ކަމަށާއި، ޤާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި އެފަރާތް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް ފުލުހުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންވީމަ މި މައްސަލައިގައިވެސް އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން ދަނިކޮށް ފުރައިގެން ގޮސްފައިވަނީ، އަޅުގަނޑުމެން އެ މައްސަލަ ތަހުގީގު ކުރާނަން، އެ މައްސަލަ ނިމުނީކިއެއް ނޫން.“ ރިޔާޒު ވިދާޅުވިއެވެ.

”ކުރެދިކުރި“ގެ ނަމުގައި ޓްވިޓާގައި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުރުވަ ހިމެނޭ ގޮތަށް ކާޓޫނު ތައްޔާރުކުރި ޝައިހާނުގެ ވަނަވަރުހާމަ ވުމާއިއެކު އޭނާވަނީ ރާއްޖެއިންބޭރަށް ފުރުވާލާފައެވެ.

 

One Comment

  1. އަބަދުވެސް ތިކަން ކުރާ ގޮތްތީ، އެކަހަލަ މީހުން ފުރަގަހުން އެނގެނީ، ރޭވިގެން ޤަޞްދުގައި އެކަންކުރާތީ އެހެންވަނީ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button