ޚަބަރު

ކަނބަލުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުވުމަށް މާލޭގެ ކޮންމެ އަވަށެއްގައި ކޯޕަރޭޓިވްއެއް އުފައްދަނީ

މާލޭގެ ކޮންމެ އަވަށެއްގައި ކަނބަލުންގެ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މި ގޮތަށް ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ ޖަލްސާގައެވެ. މި ކަމަށް ޖަލްސާގައި ބައިވެރިވަޑައިގެންނެވި 12 މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ ކޮންމެ އަވަށެއްގައި ކަނބަލުންގެ ކޯޕަރޭޓިވްއެއް އުފައްދަނީ އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކަމަށެވެ. އަދި މި  ކޯޕަރޭޓިވް ތަކަކީ، ސިޓީ ކައުންސިލުން އަމާޒު ހިފާފައިވާ ”ވިމެން މާކެޓް“ ހިންގާނެ ފަރާތްތައް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

”ދެން ގޭގޭގަ އަންހެން ބޭފުޅުން ހަދާ ތަކެތިވެސް ގަނެ، އެއީ ކޮންމެހެން ކާބޯތަކެއްޗެއް ނޫން، އުފެއްދުންތެރިކަމާ މިހެންގޮސް، އެކި ކަހަލަ ތަކެތި ގަނެ، އެތަނުގައި ވިއްކައިގެން ހަގީގީ މާނައިގައި ކަނބަލުންނަށް އިގްތިސާދީ ބާރުވެރިކަން، ކައުންސިލުގެ އެހީތެރިކަމާއެކު ހޯދައިދިނުން.“ މޭޔަރު ވިދާޅުވިއެވެ.

މޭޔަރު  ވިދާޅުވީ ހަމަޖެހިފައި އޮންނަ އުސޫލަކުން، މިކަމުން ކައުންސިލަށްވެސް ނަފާ ލިބިގެންދާނެ ކަމަށާއި، ބޭނުމަކީ ރައްޔިތުންނަށް އިތުރު ހިދުމަތްތަކެއް ކޮށްދެވުން ކަމަށެވެ.

ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަކީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގައިވާ ”ފުދުންތެރި ދިރިއުޅުން“ މި އަމާޒުގެ ދަށުން ކުރުމަށް ނިންމާފައިވާ އެއްކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button