ޚަބަރުސިޔާސީ

ގެދޮރުގެ މައްސަލައަށް އެންމެ ރަނގަޅު ހައްލު ގެނެސްދިނީ ރައީސް ޔާމީން: މުއިއްޒު

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ގެދޮރުގެ ދަތިކަމަށް އެންމެ ރަގަޅު ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ޗެނަލް13ގެ “ ނިއުސްޓޯކް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި މިއަދާ ހަމައަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރަކީ އެންމެ ގިނަ ގެދޮރުގެ މަޝްރޫއުތައް ހިންގުނު ފަސް އަހަރުކަން ފާހަގަކުރައްވައި ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަކީ އޭގެ ތެރެއިން އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގައި ހައުސިންގ މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވީ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، 15،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް ރައީސް ޔާމީންގެ ދައުރުގައި ކުރެއްވި ކަމަށާއި ދެވަނަ ފިޔަވަހީގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ވެސް ރައީސް ޔާމީން ގިނަ މަޝްރޫޢުތަކެއް ހިންގެވި ކަމަށެވެ.

”އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ ދެވަނަ ފިޔަވައްސާއި ހިޔާ މަޝްރޫޢުގެ ވާހަކަ. އެހެންނަމަވެސް އެމަނިކުފާނުގެ ޒަޢާމަތުގައި ފުރަތަމަ ފިޔަވަހީގައިވެސް އެހެރީ ތިންކޮޓަރީގެ ފްލެޓުތަކެއް އަޅާފައި. އަދި މިއަދާ ހަމައަށް އައިއިރު އެންމެ ކުޑަ އަގެއްގައި ދެވުނު ފްލެޓުތައް ދެއްވާފައި. އެނގިވަޑައިގަންނަވާނެ ތިންކޮޓަރީގެ އެޕާޓްމަންޓްތައް އެމަނިކުފާނު ދެއްވީ 6،000 ރުފިޔާއަށް.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އެންމެ ހައްސާސް، އެންމެ ޒަރޫރީ ގެދޮރުގެ މައްސަލައަށް އެންމެ ރަގަޅު ހައްލު ގެނެސްދެއްވުމަށް އެ ވިސްނުންފުޅުގައި މަސައްކަތް ކުރެއްވި ލީޑަރު ކަމަށެވެ. އެހެންކަމުން އެކަން އެއީ ފޮރުވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ހިތުން އެކަން ފިލައިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބް ރައީސް ޑރ މުއިއްޒު ޗެންލް13ގެ ”ނިއުސްޓޯކް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ

މާލެ ސިޓީ ކައުންސިލުގެ މޭޔަސރުކަން ވެސް ކުރައްވަމުން އަންނަ މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ބޮޑެތި މަޝްރޫއުތައް ހިންގެވީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިޔަ މަޝްރޫއުތައް ހިންގެވި ކަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ހިންގެވިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްރަށެއްގައި އެންމެ ގިނަ މަޝްރޫޢުތައް ފެށިފައި ހުރީ ހިޔާގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށް ވިދާޅުވިއެވެ. މި ސަރުކާރު އައިއިރު އެ މަޝްރޫއުގެ އެތައް ކަމެއް އޮތީ ނިމި، ފްލެޓުތައް ލިބޭނެ މީހުން ވެސް ކަނޑައަޅައި ނިމިފައި އޮތުމުން، އެއީ ރައީސް ޔާމީންގެ މަސައްކަތްކަން ފްލެޓު ލިބުނު ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.

މުއިއްޒު އިތުރަށްވިދާޅުވީ މިސަރުކާރުން ބޭނުންވަނީ ރައީސް ޔާމީންގެ ލެގަސީ ނައްތާލަން ކަމަށާއި ނަމަވެސް ރައްޔިތުންނަށް އެއަށްވުރެ މާސާފުކޮށް ކަންކަން ފެންނަން އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރާ ކަންކަން ކާމިޔާބު ނުވާނެ ކަމަށާއި އެއީ ފޫނެތްފަޔަކަށް ފެންފުރުން ފަދަ ކަމެއް ކަަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button