ޚަބަރުސިޔާސީ

މަގު ހެދުން ނުހުއްޓުވި ނަމަ އަމީނީ މަގުގައި މިހާރު އޮންނާނީ ތާރު އަޅާފައި: މޭޔާރ މުއިއްޒު

މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމަށް މި ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް މަޝްރޫއު ނުހުއްޓުވި ނަމަ އަމީނީ މަގުގައި މިހާރު އޮންނާނީ ތާރު އަޅައި ނިމިފައި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ އޮންލައިން ނޫހެއް ކަމަށްވާ ”ވަގުތު“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މޭޔާރު ވިދާޅުވީ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ނުހިފެހެއްޓި ނަމަ، މަގު ހެދުމުގެ މަޝްރޫއުގެ ބޮޑު އިންސައްތައެއް މިހާރު އޮންނާނީ ކުރިއަށް ގޮސްފައި ކަމަށެވެ. މާލޭގެ މަގުތައް ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓިޖިކް ޕްލޭންގައި ހިމެނޭ ވަރަށް ބޮޑު މަޝްރޫއެކެވެ.

”މަގު ހެދުމުގެ މަޝްރޫއު ނުހުއްޓުވި ނަމަ، ފުދޭ ވަރަކަށް ގިނަ މަސައްކަތް ނިމިފައި ހުންނާނީ. މިސާލަކަށް އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ އަމީނީ މަގު އެއްކޮޅުން އަނެއްކޮޅަށް ތާރު އަޅާ ގޮތަށް މި ޕްރޮޖެކްޓުގެ ތެރެއިން. އެ މަޝްރޫއު ނުހިފެހެއްޓި ނަމަ، އަޅުގަނޑަށް ވަރަށް ޔަގީން މިހާރު އޮންނާނީ ތާރު އަޅާ ނިމިފައި،“ ޕީޕީއެމްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން އަންނަ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަށް ފައިސާ ނުދީ އެ މަޝްރޫއު ހިފަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ މަޝްރޫއަށް އައިއިރު ބަޖެޓު ވެސް އޮތީ ފާސްކޮށްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

”ބަޖެޓު ފާސްކޮށްދީފައި އޮތީ. ސްކޯޕް ބަދަލެއް ނުކުރަން. ކޮންޓްރެކްޓަރު ބަދަލު ކުރީކީ ނޫން. ދެން ހިފަހައްޓަން ޖެހޭ ސަބަބެއް ނޯންނާނެއެއްނު؟“ މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ އިތުރުން ޗާންދަނީ މަގާއި ނިކަ ގަސް މަގަކީ ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ރައްޔިތުންނަށް ދަތިވާ ދެ މަގު ކަމަށެވެ. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ދެ މަގުގައި ވެސް ޕޭމަންޓް ބައެއް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުތަށް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރަނީ

”އިދާރީ ކަންކަން ހުންނަނީ. ކޮންމެ ކަމަކަށް އެބަ ނަގާ ދެ ތިން ހަތަރު ހަފްތާ. ނޫނީ މަސް ދުވަސް، ދެ މަސް ދުވަސް. ދެން އާރުޑީސީން، ޕްލޭނިން އަށް، ޕްލޭނިން އިން ފިނޭންސަށް، މިހެން އެއްތަނުން އަނެއް ތަނަށް ފޮނުވާލަ ފޮނުވާލަ އޮންނަނީ.“ ހައުސިންގ މިނިސްޓަރުކަން 7 އަހަރު ކުރައްވާފއިވާ މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލާއި އާރްޑީސީ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރު އަޅާނެއެވެ. އޭރު އަމާޒަކަށް ހަދާފައި އޮތީ މި މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button