އެހީއާއި ލޯނުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޯދުނު: އަމީރު
ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ހޯދިއްޖެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އެއީ 20 އަކަށް ބިލިޔަން ރުފިޔާއެވެ.
ހެލްތު އިމަޖެންސީ އޮަޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރު ކުރެވުނު މަސައްކަތުން ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ހޯދުނު 1.3 ބިލިއަން ޑޮލަރުގެ އިންޓްރެސްޓް ރޭޓަކީ 1.7 އިން ސަައްތައެވެ.
ހޯދި ފައިސާގެ ތަފްސީލް
- ކޯވިޑުގެ ހާލަތުގައި ބޭނުންކުރުމަށް 464 މިލިއަން އެމެރިކާ ޑޮލަރު
- އެހެނިހަން ކަންކަމަށް 872 މިލިއަން އެމެރިކާ ޑޮލަރު
- އިންޑިއާ ސަރުކާރުން 400 މިލިއަން އެމެރިކާ ޑޮލަރު
- ޖަޕާނު ސަރުކާރުން 50 މިލިއަން އެމެރިކާ ޑޮލަރު
- ސައުދީ ފަންޑުން 50 މިލިއަން އެމެރިކާ ޑޮލަރު
- ދުބާއީ ފަންޑުން 50 މިލިއަން ޑޮލަރު
- އައިއެމްއެފުން ރެޕިޑް ކްރެޑިޓް ފެސިލިޓީއެއްގެ ގޮތުގައި 28.9 މިލިއަން އެމެރިކާ ޑޮލަރު
- އޭޑީބީން 50 މިލިއަން އެމެރިކާ ޑޮލަރު
- ވޯލްޑު ބޭންކުން 68 މިލިއަން ޑޮލަރު
- އޯޕެކުން 70 މިލިއަން ޑޮލަރު
- އީއައިބީން 20 މިލިއަން ޑޮލަރު
- އޭއައިބީން 47.3 މިލިއަން ޑޮލަރު
އަމީރު ވިދާޅުވިގޮތުގައި މިހުރިހާ ފައިސާ ދައުލަތުގެ ބަޖެޓަށް ޖަމައެއް ނުވެއެވެ. އޭގެ ތެރެއިން ގިނަ ފައިސާ ލިބޭނީ މަޝްރޫއުތައް ހިންގަމުން ގެންދާ މިންވަރަކަށެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނީ ކިހާ ފައިސާއެއް ކަމެއް އަމީރު ވިދާޅެއް ނުވެއެވެ. ދިވެހި ރުފިޔާއިން ބަލާކަމަށް ވާނަމަ 20 ބިލިއަން ރުފިޔާ ހޯދިއްޖެ ކަމަށް ސަރުކާރުން އިއުލާން ކުރިއިރު، މި އަދަދު އިތުރުވުން އެކަށީގެންވެއެވެ. ”ބޮންތި“ އަށް އެނގިފައިވާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ދައުލަތަށް 24.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރިއެވެ. އަދި އެ ތަފާސްހިސާބުތައް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވެސް ވެއެވެ.