ރިޕޯޓް

ގައުމު އޮތީ ވީހާލެއްގަ ވާން، ވަލިއްޔުލް އަމުރު އުޅުއްވަނީ އަމިއްލަފުޅު ކެމްޕެއިންގަ

ގައުމު މިއޮތީ ދުވަހަކުވެސް ނުވެއްޓޭ ފަދަ ބޮޑު އަނދަ ވަޅެއްގެ ތެރޭގައި ވީހާލެއްގަ ވާން ދޫކޮށްލާފައެވެ.  ހިތާހިތުގެ ގުޅުމަށް އެރި ލޮޅުމަކާއެކު ގައުމު އޮޔާދަނީއެވެ. ޒިންމާވާނެ ފަރާތެއް ނެތެވެ. ވެރިކަމަށް ވަކި ހިއްޕާލާފަ ތިބި ބައެއްގެ ތެރޭގައި އުފެދުނު ހިތްހަމަ ނުޖެހުމާއެކު ވައުދު ތަކާއި އަހުދު ތަކުގެ މަތީން ވެސް ހަނދާން ނެތުނީއެވެ. ރައްޔިތުންނާއި ގާތުން ވެރިކަން ކުރަން ބުނި މީހުން ރައްޔިތުންނާއި ފެޔައް ޖެހި އަމިއްލަ އެދުމައިގެން އުޅޭތަން ނޫނީ ނުފެނެއެވެ. ގައުމުގެ ޒުވާނުން ތިބީ ވަޒީފާ ނުލިބި މަގުމަތިވެ އުއްމީދު ގެއްލި މާޔޫސްވެފައެވެ.

ޒުވާން ޖީލެއް ހަލާކުވެ ނިމިދަނީ، ފާހިޝް ޢަމަލްތައް އިންތިހާ

މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ޒުވާނަކު ހަލާކުވެގެން ދާއިރު، އެކަމަށް އެކަށޭނެ ފިޔަވަޅުތައް އެޅިފައި ނުވާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރާ އެތައް ބަޔަކު މުޖްތަމަައުއަށް ދޫވެފަ ހުރުމަކީވެސް މީގެ އެއް ހެއްކެވެ. ކުށްކުރާ ގިނަ މީހުން ތިބީ މުޖުތަމައުއަށް ދޫވެފައެވެ. ދީނަށް ފުރައްސާރަ ކުރަނީއެވެ. އެއްޖިންސުން ގުޅުން ހިންގަނީއެވެ. ފާހިޝް ޢަމަލުތައް އޭގެ އިންތިހާއެވެ. ގައުމުގައި މިވަރު ބޮޑު ވަބާ އެއްފެތުރިގެންދާއިރު ވަލިއްޔުލް އަމުރުގެ ބަހެއްވެސް މިވީހާތަނަށް އިވިފައެއް ނުވެއެވެ. ދީނީ އިލްމުވެރިންގެ އަނގަ ވަނީ ބަންދު ކޮށްފައެވެ. ރައްޔިތުން އެދެނީ އެފަދަ ނުބައި ކުށްތަކަށް އަރައިގަންނަ މީހުންނަށް އެކަށީގެންވާ އަދަބު ދިނުމެވެ. ރަނގަޅު މުޖުތަމައުއެއް ބިނާ ކުރުމުގައި އެންމެންގެ އެއްބާރުލުމާއި، އެހީތެރިކަން ބޭނުންވާއިރު، ޒިންމާވާން ޖެހޭފަރާތުން އިހުމާލުވަމުން ދާނަމަ، އެކަމުގެ އެކަށިގެންވާ ނަތީޖާއެއް ނުފެންނާނެއެވެ. 

ނުފުއްދުނު 100 ދުވަހުގެ ވައުދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދަކީ އެންމެެންވެސް ދަންނަ ތާއަބަދު ދުލުން ފަރިތަކަމާއެކު ކިޔަމުންދާ ވައުދުތަކެކެވެ. ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މަރުގެ ވާހަކަ އެތައް ފަހަރު ރިޔާސީ ކެމްޕެއިންގައި ވެސް ވަނީ ދައްކަވާފައެވެ. ނަމަވެސް ދައުރު ނިމެން ކައިރިވިއިރުވެސް މީގެ ހަބަރެއް ނުވެއެވެ. މަރު ކޮމިޝަނެއް އުފައްދަވައި ރައްޔިތުން ފައިސާއިން މިލިއަނުން ހަރުދު ކުރުން ފިޔަވައި އިތުރު ކަމެއް ނުވެއެވެ. އެކޮމިޝަން އޮތީ މަރުވެފައެވެ. 

ބޭބީ ބޮކްސް ނުވަތަ އަލަތު ދަރިފުޅައް ލިބޭ ހަދިޔާ ފޮށީގެ ވާހަކައަކީ ވެސް އެެއްއިރެއްގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައެވެ. މި ހަދިޔާފޮށި ލިބުނު ދަރިއެއް އަދި ހުރިހެނެއް ހިޔެއް ނުވެއެވެ. ދެން މިއާއެކު އިވިގެންދިޔަ އަނެއް ވާހަކައަކީ ޕާކިން ސްޓިކާޖެހުން ހުއްޓާނެ ވާހަކައެވެ. ނަމަވެސް މިއަދު ގައުމުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް މަސައްކަތަކީ ސްޓިކާ ޖެހުމާއި ޖޫރިމަނާ ކުރުމެވެ. އެހެންވީމާ ރައީސް ސޯލިހަށް މިވެވުނީ ހޮޅި ވައުދު ނޫން ތޯއެވެ. ރައްޔިތުން ގުނބޯ ހެއްދެވީނޫން ތޯއެވެ.

ސިޔާސީ ކޯޅުން

މިއަދު ގައުމުގައި އެންމެ ގިނަ ބަޔަކު ދަންނަ އެއްކަމަކީ ރައީސް ސޯލިހުގެ ސިޔާސީ ކޯޅުމެވެ. އެތެރޭގެ އިންތިހާބަށްފަހު ފަހު މަޖިލިސްގެ ރައީސް އާއި ރައީސް ސޯލިހުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެމްޑީޕީ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ސަބަބުންނާއި އެތައް ހިތްހަމަ ނުޖުހުމަކާއެކު މަޖިލީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބުރައީސް އީވާ ވަކިކުރުމަށް ވަނީ ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. އެކަން ގުޅެނީ ނަޝީދުގެ އަތްޕުޅުގައި އޮތް ކަމަށް ބުނާ ރައީސް ސޯލިހު ޒިނޭ ކުރާ ހަތަރު ގަނޑު ފޮޓޯއަކާއެވެ. ރައީސްގެ ތަރުޖަމާނު އެކަން ދޮގުކުރައްވާއިރު ނަޝީދު ވިދާޅުވަނީ ޔޫކޭގެ ރެސްޓޯރެންޓެއްގައި އެމަނިކުފާނު ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޯނު ފޭރިގަތް ކަމުގައެވެ. ފޯނު ފޭރުނު ވާހަކަ އިއުލާން ކުރެއްވުމާއެކު ނަޝީދު އާއި އީވާ ވަކި ކުރުމުގެ މަސައްކަތްވެސް ނިމުނީއެވެ. ސިޔާސީގޮތުން ކޯޅުން ފިޔަވައި އެމްޑީޕީއަށް ކޮށްދެވުނު ކަމެއް އެބައޮތް ހެއްޔެވެ؟

ޤައުމު އިގްތިޞޯދީ ތަދުމަޑުކަމާއި ބިރުވެރި ކަމެއްގަ  

ދައުލަތުގެ ހަރުމުދާ ވިއްކުމަކީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރު ވަރަށް ފަރިތަކޮށް ކުރާކަމެކެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި، ސްކޫލުތަކާއި ސިނަމާ ރަހުނުވެސް ކޮށްފިއެވެ.

ރައީސް ޞޯލިހުގެ ވެރިކަމުގަ އުތުރު ތިލަފަޅު އިންޑިއާ ސިފައިންނަށް ދިނުމާއި، ރާއްޖޭގެ އެކިހިސާބު ތަކުގައި އިންޑިއާ ސިފައިން ބެއިތިއްބުމާއި، މިލިޓަރީ ބޭސް ހަދައިގެން ދިވެހި ގައުމުގައި އިންޑިއާ ސިފައިން ދަނީ އަތްގަދަކުރަމުންނެވެ. ޤައުމެއްގައި އިތުރު އެހެން ޤައުމެއްގެ މިިލިޓަރީ ސިފައިން ތިބޭ ހިސާބަކީ އެޤައުމެއްގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ކަންކަމެވެ. ހަޤީޤަތުގައިވެސް ދިވެހިރާއްޖެ މިއޮތީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ވިސްނާ ފިކުރު ކުރާބަޔަކަށް މިކަން އިނގޭނެއެވެ.

އިރުއިރުކޮޅާ ރައިސް ސޯލިހު ބޭރަށް ދުރުވެ ނަންގަވާ ލޯނުތަކުން ރައްޔިތުންގެ ބޮލުގައި އެތައްދަރަނި ތަކެއް މިވަނީ އެޅިފައެވެ. ދަތުރުރަކުގެ ހަރަދުތައް އެހާވެސް ބޮޑެވެ. ފައިސާޗާޕްކޮށް ޤައުމު މިވަނީ ބަނގުރޫޓު ވުމާއި ދިމާލަށް މިސްރާބު ޖަހާފައެވެ. ތަކެތީގެ އަގުބޮޑުވެ އަނގަޔާ އަތާދިމާވާ މީހުންމަދެވެ. ކުރިން ފުދިގެން އުޅުނު އެތައް ބަޔަކު މިއަދު ބުނަމުން ދަނީ ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެއްސޭކަމެވެ. ކުދިންގެ ބޭނުން ނުފުދި މިއަދު ތިބީ ކިތައް މަންމައިންނާއި ބައްޕައިންތޯ؟ ދެމަފިރިން މަސައްކަތް ކޮށްގެން ވެސް ދެކޮޅު ނުޖުހުމަކީ ހިތާމަ ހުރި ކަމެކެވެ. ޤައުމުގެ ހާލަތު މިހެން އޮއްވާވެސް މިއަދު އިވެމުންދަނީ ސަބްސިޑީ ކަނޑާލާ ވާހަކައެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މިއީ ހަމަ އެހާ ހިތްތިރި ރައީސް އަކީތޯއެވެ. ލަންކާ އަށް ވީހެން މިޤައުމަށްވާން އެއްވެސް ދިވެހި ރައްޔިތެއް ނެދޭނެއެވެ. ޤައުމާއިމެދު ރައީސް ސޯލިހު ވިސްނަވާނީ ކޮންއިރަކުންތޯއެވެ. ލަންކާއިން އިބަރަތް ލިބިގަންނާނީ ކޮންއިރަކުންތޯއެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން ވަޢުދު މިއަދު ކޮބައިތޯއެވެ؟ އިޙްލާސްތެރި ކަމާއި ހިތްތިރި ކަން ކޮބައިތޯއެވެ؟

އަމިއްލަފުޅު އެދުން ދޫކޮށްލައްވައި ޤައުމަށް އޯގާތެރިވެ އަމާނާތްތެރި ވެދެއްވާށެވެ. ޤައުމު އެދި ގޮވަނީ ޤައުމުދެކެ ލޯބިވާ ވެރިއަކަަށެވެ. އިޙްލާސްތެރި އޯގާތެރި ވެރިއަކަށެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button