ޚަބަރު

މި ވެރިކަން ނިމުމާއެކު ގެއްލުނު ސަރަޙައްދު ހޯދުމުގެ މަސައްކަތް ފަށާނަން: ޑރ.މުނައްވަރު

މި ވެރިކަން ނިމުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުމަށް މެދުވެރިވި ސަބަބުތަކާއި ގުޅޭގޮތުން ކުރީގެ ބަންޑާރަނައިބުންނާއި، ކުރީގެ މިނިސްޓަރުން އަދި މި މައްސަލާގައި އެކުގައި މަސައްކަތްކުރަން ނިންމި ހުރިހ ާސިޔާސީ ޕާޓީތަކުގެ މެމްބަރުން ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. މުނައްވަރާއި، އާޒިމާ ޝުކޫރު އަދި އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވަނީ އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައި ވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ނޫން ކަމަށް ޤަބޫލުކުރާކަމަށް އިއްތިފާގު ވެފަ އެވެ.

ޑރ މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމާއި ގުޅިގެން މި ސަރުކާރުން އުފާ ފާޅުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭގޮތަށް އިޓްލޮސްއިން މައްސަލަ ނިންމުމުން އެއީ ކާމިޔާބީއެއްކަމަށް ސަރުކާރުން ސިފަކުރަމުން އައިސްފައިވާ ކަމަށެވެ.

އެހެންކަމުން 28 އޭޕްރިލް 2023 ގައި ނިމުނު އެ މައްސަލަ ސަރުކާރުގެ ފަރާތުން އިސްތިއުނާފު ކުރާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ.

ޑރ. މުނައްވަރު ވިދާޅުވީ މިހާރު އެމަނިކުފާނާއި، އެމަނިކުފާނާއި އެކު އެ މަސައްކަތް ކުރުމަށް ތިބި ހުރިހާ ފަރާތްތަކާއި ގުޅިގެން ދިވެހިރައްޔިތުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

”މައްސަލަ ނިމުނީ 28 ގައި. ދެން 28 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މި މައްސަލައިގައި ހިމެނޭ ޕާޓީތަކަށް މޮރިޝަސް ސަރުކާރަށް، ދިވެހި ސަރުކާރަށް އެޕީލްކުރުމުގެ ފުރުސަތު އޮންނާނެ. ދެން އަޅުގަނޑު މި ބަލަނީ ދިވެހި ސަރުކާރުން އެއަށް މަރުހަބާ ކިޔާ އަތްތިލަބަޑި ޖަހާ އެކަކު އަނެކަކު ބައްދާ ހެދީމަ ދެން މި މީހުން އެޕީލްއެއް ނުކުރާނެއޭ. ދެން އަޅުގަނޑުމެން އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ފަރާތުން އެޕީލް ކުރުމަށްޓަކައި އެއްވެސް ޖާގައެއް އޮތްތޯ މިދަނީ ބަލަމުން. އެއްވެސް ޖާގައެއް އޮތްކަމަށް ވާނަމަ އެޕީލް ކުރާނަން ދިވެހި ރައްޔިތުންގެ ނަމުގައި“ ޑރ މުޙައްމަދު މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުނައްވަރު ވިދާޅުވީ މިހާރު ގުނަމުންދަނީ މި ސަރުކާރުގެ ފަހު ދުވަސްތައް ކަމަށާއި، މި ސަރުކާރު ނިމުމާއެކު ދިވެހިރާއްޖޭގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި އެ ސަރަޙައްދު ހޯދުމަށް ވަކާލާތު ކުރަންވީ ގޮތް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ. އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ވަނީ ގެއްލިފައެވެ. އިޓްލޮސް އިން މި މައްސަލަ މިގޮތަށް ނިންމި ކަމުގައިވިޔަސް އދ. އަށް އެކަން ހުށައަޅައިގެން ފާސްކޮށްގެން ނޫންގޮތަކަށް އެ މައްސަލަ ނުނިމޭނެ ކަމަށް ޚާރިޖީ މާހިރުން އަންނަނީ ސަބަބުތަކާއެކު ހާމަކޮށްދެއްވަމުންނެވެ. އޭގޭ އެއް ސަބަބަކީ އިނގިރޭސީންގެ ބާރު ހިނގާ ތަނަކަށް މިހާރުވެސް އެ އަތޮޅުގެ ފޯޅަވަހި އޮތުމެވެ.

އިޓްލޮސް އިން މި މައްސަލަ މޮރިޝަސް އާއި އެއްކޮޅަށް ނިންމިތާ 24 ގަޑިއިރުތެރޭގައި ޗާގޯސްއާ ދިމާލަށް 90 މޭލު ބޭރަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް އެ ސަރަޙައްދުގައި އޮތް މަނަވަރަކުން، އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގައި އިންޒާރުވެސް ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button