މަސްވެރިންގެ ޕްރެޝަރު ބޮޑުވެ، ކޫއްޑޫއިން މަސް ކިރަން ފަށައިފިއެވެ.
ބާނާ މަސް ނުކިރުމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މަސްވެރިން ވަނީ އިއްޔެ ކޫއްޑޫގައި މުޒާހަރާ ކޮށްފައެވެ.
60 އަށް ވުރެ ގިނަ ދޯނި 900 އެއްހާ ޓަނުގެ މަސް ބާނައިގެން ނުކިރުމުގެ ސަބަބުން ފެށި މުޒާހަރާ ހޫނުވެ، އެސް އޯ ފުލުހުންވެސް ވަނީ އިއްޔެ ކޫއްޑޫއަށް ގޮސްފައެވެ.
އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމަށް ރޭ މަސްވެރިޔަކު ދިން ފޯނު ކޯލު އިންޓަވިއުއެއްގައި ބުނީ ފުލުހުން ބާރުގެ ބޭނުން ކުރަން ނިންމި ކަމަށާއި އެކަމަކު މަސްވެރިން ތިބީ ދޫ ކުރާ ގޮތަކަށް ނޫން ކަމުގައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި، ކިރާ މަހަށް ޑޮލަރުން ފައިސާ ދެއްކުމުގެ ވައުދަކީ ހިޔާލީ ފޮލާއެއްކަން މަސްވެރިންނަށް މިއަދު ސާބިތުވެފައިވާ ކަމުގައެވެ. އަދި މަސް ނުކިރޭނެ ކަމަށް ކޫއްޑޫއިން ބުނެފައިވަނީ އެ ރަށު މަސް ފެކްޓަރީގައި މަސައްކަތް ކުރާ އިންޑިއާ މީހެއް ކަން އޭނާ ފާހަގަކުރިއެވެ.
”އެހެންވީމާ އެންމެ ރަނގަޅުވާނީ އިބްރާހީމް މުހައްމަދު ސޯލިހާ، އޭނާގެ ބައިވެރިން މިހާރުން މިހާރަށް އިސްތިއުފާ ދިނުން.“ އޭނާ ބުންޏެވެ.
ރޭގެ ހަމަނުޖެހުން ނިމުމަކަށް އައިސްފައިވަނީ މީޑިއާގެ ސަމާލުކަމަށް މަސްވެރިންގެ އިހުތިޖާޖު އައި ފަހުންނެވެ. އެގޮތުން 60 ދޯނީގެ ތެރެއިން ފިނި ކުރާ ނިޒާމު ނެތް 13 ދޯންޏަކަށް އިސްކަން ދިނުމަށްފަހު ހުރިހާ ދޯނިތަކުން ބޭނި މަސް އެއްކޮށް ކިރުމަށް ނިންމައި، އަދި އެކަން އަންގާ އިއުލާނު ކުރުމުގެ ގޮތުން ރައީސް އޮފީހުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
މަސް ކިރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު، ކިރާ މަހަށް ޑޮލަރު ލިބުމަކީ މަސްވެރިން މިހާރު ކުރަމުން ދާ އުންމީދެވެ.