ޚަބަރު

ރެއާލުން ޗެމްޕިއަންސްލީގުގެ ސެމީގެ ޖާގަ ކަށަވަރުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް އެގްރިގޭޓުން ކުރިހޯދައި ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފިއެވެ.

ޗެލްސީ އަށް މުބާރާތުގައި ކުރިއަށް ދެވޭނެކަމުގެ އުންމީދެއް ދިނުމަށްފަހު، ވަރުގަދަ ރެއާލް މެޑްރިޑުން އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ، މުބާރާތުން ޗެލްސީ ވަނީ ކަޓުވާލައިފިއެވެ.

މީގެ އެއް ހަފުތާ ކުރިން ސްޓަމްފޯޖް ބްރިޖްގައި ރެއާލުން ވަނީ 3-1 އިން ޗެލްސީ ބަލިކޮށްފައެވެ. މިރޭ އަމިއްލަ ދަނޑުގައި ކުޅެ 3-2 އިން ބަލިވި ނަމަވެސް ރެއާލް އަށް ހިންދެމިލެވުނީ 5-4 އެއްގެ އެގްރިގޭޓުން ކުރިލިބުމުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިިމެޗުގެ ފުރިހަމަ 90 މިނެޓުގެ ތެރެއިން ގާތްގަނޑަކަށް ފަހު 15 ވަރަކަށް މިނެޓާއި ހަމައަށް ޗެލްސީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ރެއާލް އަށް ކުރިއަށް ދިއުމަށް ހުރަސް އަޅާފައެވެ. މި މެޗުގައި ޗެލްސީގެ ގޯލުތަށް ކާމިޔާބުކޮށްދިނީ މައުންޓް ، ރުދިގާ އަދި ވާނާއެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ރެއާލްގެ އުންމީދު އައުކޮށްދިނީ މޮޑްރިޗްގެ ތަފާތު މޮޅު އެސިސްޓަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮޑްރީގޯ އެޑުއަޑް މެންޑީގެ ގޯލް ފޫއަޅުވާލުމުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 4-4 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަތް ވަނަ މިނިޓުގެ ތެރޭ ރެއާލުން ގޯލް ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލިއެވެ. ޒުވާން ފޯވަޑް ވިނީޝިއުސް ދިން ބޯޅައެއްގައި ބޮލުން ގޯލް ޖަހައި ރެއާލް ސެމީ އަށް ގެންގޮސްދިނީ ކެޕްޓަން ބެންޒެމާ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތަޖުރިބާކާރު މިޑްފީލްޑަރ ލޫކާ މޮޑްރިޗްއެވެ. އުމުރުން 36 އަހަރު ވެފައި ވީނަމަވެސް މޮޑްރިޗް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ފަހަރުގެ ސެމީގައި ރެއާލް ކުޅޭނީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button