ޚަބަރު

މިއަހަރު 66،000އަށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދަން ހުށަހަޅާފައިވޭ: އިމިގްރޭޝަން

2023ވަނަ އަހަރު 66،000ށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދަން ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން މައުލޫމާތުދީފިއެވެ.

އިމިގްރޭޝަން އިން އެކްސްގައި އާންމު ކޮށްފައިވާ އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު 66،528 ފަރާތަކުން ދިވެހި ޕާސްޕޯޓު ހެއްދުމަށް އެދި ވަނީ ހުށަހަޅާފައެވެ.

 

އިމިގްރޭޝަން އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، 66،528 މީހުންގެ ތެރެއިން 13،798 މީހުންނަކީ މުޅިން އަލަށް ޕާސްޕޯޓު ހައްދާ މީހުންނެވެ. އޭގެ އިތުރުން، 51،484 މީހުން ޕާސްޕޯޓު ހައްދަން ހުށަހަޅާފައިވަނީ ކުރިން ގެންގުޅުނު ޕާސްޕޯޓުގެ މުއްދަތު ހަމަވުމުންކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަން އިން މައުލޫމާތު ދީފައިވާގޮތުގައި، ޕާސްޕޯޓު ގެއްލިގެން 977 މީހަކު ޕާސްޕޯޓު ހައްދަން  ހުށަހަޅާފައިވެއެވެ. އަދި މައުލޫމާތު ބަދަލުވެގެން 175 މީހުން ޕާސްޕޯޓު ހައްދަން ހުށަހަޅާފައި ވާއިރު، ޕާސްޕޯޓު ހަލާކުވެގެން 63 މީހަކު އައު ޕާސްޕޯޓަކަށް އެދި ހުށަހަޅާފައިވެއެވެ. އަދި، ޕާސްޕޯޓުގެ ސޮފުހާތައް ފުރިގެން 31 މީހަކު އައު ޕާސްޕޯޓު ހައްދަން ހުށަހަޅާފައިވެއެވެ.

 

އެ އިދާރާއިން މިދިޔަ މަހު މައުލޫމާތު ދީފައިވާގޮތުން، ހާއްސަ ހާލަތެއް ދިމާވެއްޖެނަމަ މިހާރު އިމިގްރޭޝަނަށް ހާޒިރުނުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. އެގޮތުން، މެޑިކަލް އެމެޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުނުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ހާއްސަ ފުރުސަތުތަކެއް އިމިގްރޭޝަނުން ވަނީ ފަހިކޮށްދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button