ޚަބަރުސިޔާސީ

ޕީޕީއެމްގެ ދަފްތަރުން މެންބަރުން އުނިކުރާ މައްސަލައިގައި ހަބީބު ޖަވާބުދާރީ ކުރުވާނަން: ރައީސް ޔާމީން

ޕީޕީއެމްގެ ދަފްތަރުން މެންބަރުން އުނިކުރާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޖަވާބުދާރީ ކުރުވާނެކަމުގައި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޅ.ކުރެންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީޕީއެމަށް ކާމިޔާބު ވުމުގެ އުފަލުގައި ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފޯމުތައް ނުވަތަ އެ ފޯމްތަކުގައި ސޮއި ކޮށްފައިވާ ޕާޓީގެ މެންބަރުންނަށް އެނގުމަކާނުލައި އީސީގެ ތެރެއިން އެހެން ޕާޓީތަކަށް މެންބަރުން ބަދަލުކޮށްފައިވާ ކަމުގައެވެ. އެކަމުގެ ހެކި އެބަހުރިކަމަށާއި، އަމިއްލަ މީހުންނަށް ފޮނުވާފައި ހުރި ސިޓީތަކުގައި އެއީ އިދާރީ އޮޅުމަކުން ހިނގާފައި އޮތް ކަމެއްގެ ގޮތުގައި އީސީއިން ބުނެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ކޮން އިދާރީ އޮޅުމެއް އަރަންވީ. އަބްދުއްރަހީމުގެ ނަން، ޝިޔާމްގެ ނަން. ކާނަލްގެ ނަން، ޔާމީންގެ ނަން އޮޅުމަކުން ކިހިނެއް ޕީޕީއެމް ދޫކޮށްލާފަ އަދާލަތު ޕާޓީއަށް ދާނީ.؟“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި ޕީޕީއެމުން ކަނޑައިގެން އެހެން ޕާޓީތަކަށް ގެންދިޔަ މެންބަރުން އީސީއިން އަނބުރާ ދޭން ޖެހޭނެއެވެ. އަދި އެ މައްސަލަ ލުއިކޮށް ނުނަގާނެކަން އީސީގެ ނައިބު ރައިސް ހަބީބު ދެނެވަޑައިގެން ހުންނެވުމަށް ޔާމީން ވިދާޅުވިއެވެ.

”ހަބީބު މިއޮއްހާ ދުވަހު މިކަމުގެ އިސް މީހަކަށް ހުރީ. ހަބީބު ޖަވާބު ދާރީ ވާންޖެހޭނެ ރައްޔިތުންނަށް. ހަބީބު ޖަވާބުދާރީ ވާންޖެހޭނެ ޕީޕީއެމަށް. އަޅުގަނޑުމެން އީސީއަށް ދާ ދުވަހެއްގަ ހަބީބު ނީނދޭ. ހަބީބު އިނީމަ އަޅުގަނޑުމެންނަށް މިވާހަކަ ދެއްކޭނީ. އެކަމަކު ދެން ދާ ދުވަހެއްގަ ހަބީބު އިންނަވައިގެން ޖަވާބުދާރީވާން ޖެހޭނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި އީސީ އިން ހަދާފައިވާ ގޯސްތައް ހައްލު ކުރުމަށް ހަބީބު ޖަވާބުދާރީ ވުން ނޫން ގޮތެއް ނޯންނާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button