މުނިފޫހިފިލުވުން

ކަވާސާގެ 25 ވަނަ ޝޯވްގައި މިރޭ މެޒޯ މުހައްމަދުގެ 25 އަމިއްލަ އުފެއްދުން!

ދިވެހި މިއުޒިޝަނުންގެ މެދުގައި މަގުބޫލު ކްލަބްހައުސް ކްލަބެއް ކަމަށްވާ ކަވާސާގެ 25 ވަނަ ގިގުގައި މިރޭ މަޝްހޫރު މިއުޒިކީ ލެޖެންޑު މުހައްމަދު މާޖިދު (މެޒޯ މޯޑު) ގެ 25 އޮރިޖިނަލްސް ނުވަތަ އަމިއްލަ ލަވަ ހުށަހަޅައިދިނުމަށް ހަމަޖެހިއްޖެއެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 22:30 ގައެވެ.

ދިވެހި އަމިއްލަ ރާގާއި ލަވަ އުފެއްދުމުގައި އެންމެ ނުފޫޒުގަދަ އެއް އާޓިސްޓު ކަމަށްވާ މެޒޯ މުހައްމަދުގެ ޝޯވްގެ ޓައިޓަލް ސްޕޮންސަރ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ވިޔަފާރިވެރިއެކެވެ. އަދި މި ޝޯވްގެ ކޯ ސްޕޮންސަރުންނަކީ ސިލްވާ ރޭސް އާއި ގްރީން ހޯޕްގެ އިތުރުން ޒެކް ޝޮޕެވެ. ސިލްވަ ރޭސް އަކީ އިމްޕޯޓް އެކްސްޕޯޓުގެ އިތުރުން ރިއަލް އެސްޓޭޓްގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. ގްރީން ހޯޕަކީ ކުޅުދުއްފުށި ސިޓީގައި ހިންގާ އެގްރިކަލްޗަރަލް ފާމެކެވެ. ޒެކް ޝޮޕަކީ ތަރުކާރީގެ އަމިއްލަ ޕްރޮޑަކްޓްތައް ހޯލްސޭލް އަދި ރީޓެއިލް ކުރާ ފިހާރައެކެވެ.

ޝޯވްގެ ލިންކު

މިރޭގެ ޝޯވް އާއި ގުޅޭގޮތުން ކަވާސާއިން ބުނީ ދިވެހި މިއުޒިޝަނެއްގެ އަމިއްލަ 25 ލަވަ އެއްފަހަރާ ހުށަހަޅައިދޭ އަޑު އަހާލަން އެހެނިހެން މިއުޒިޝަނުންނަށާއި އޮރިޖިނަލް ލަވަތަކަށް ލޯބި ކުރާ ފަރާތްތަކަށް މިރެއަކީ ރަނުގެ ފުރުސަތެއް ކަމުގައެވެ.

”މެޒޯ މުހައްމަދަކީ 70 ގެ ކުރީކޮޅުން ފެށިގެން މިއަދާ ހަމައަށް ދިވެހި އަމިއްލަ ވަންތަ މިއުޒިކީ މަލަރެހުން ފަނޑު ނުވި ނަމެއް. މުހައްމަދުގެ 60 އަށްވުރެ ގިނަ ލަވަ އެބަހުރި. އޭގެތެރެއިން 25 ލަވަ މިރޭ ހުށަހަޅައިދިނުމުގެ ގޮތުން ޝޯވްއެއް ބޭއްވުމަށް މުހައްމަދާ ވާހަކަ ދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ. ކަވާސާގެ ހުށަހެޅުން މެޒޯ ބަލައިގަތުމަކީ މި ޕްލެޓްފޯމް އިތުރަށް ވަރުގަދަވެގެންދިޔަ ކަމެއް.“ ކަވާސާ އިން ބުންޏެވެ.

47 އަހަރު މެދުކެނޑުމެއްނެތި ކޮމާޝަލް އާޓިސްޓެއްގެ ގޮތުގައި ޕާފޯމް ކުރަމުން އަންނަ މެޒޯ މުހައްމަދުގެ އަމިއްލަ ލަވަތަކުގެ މުޅިން އާ ސްޓައިލެއް އަޑު އިވިގެންދާނެކަމަށް ކަވާސާއިން ވަނީ ބުނެފައެވެ. އަދި ޝޯވް ނިމުމަށްފަހު އޭނާގެ ލަވަތަކާ ބެހޭގޮތުން ސުވާލުކޮށް ވާހަކަ ދެއްކުމަށް އޯޑިއެންސަށް ސްޓޭޖް ހުޅުވާލާނެއެވެ.

ކަވާސާއިން ބުނިގޮތުގައި ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އެ ކްލަބުގެ ޝޯވްތައް މެދުކަނޑާލާނެއެވެ. އަދި ފިތުރު އީދަށް ފަހު އަނެއްކާވެސް ރަސްމީ ގިގުތައް ކުރިޔަށް ދާނެކަމުގައި އެ ކްލަބުން ވަނީ ބުނެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button