ޚަބަރު

ހިޔާ ފުލެޓުތަކަށް މަހަކު 8500 ރުފިޔާ ދޭން ޖެހޭނެ ކަމަށް ނިންމައިފި

ހިޔާ ފުލެޓުތަކަށް މަހަކު 8500 ރުފިޔާ ދޭން ޖެހޭނެ ކަމަށް ސަރުކާރުން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓެއްގެ ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާ އަދި މެނޭޖްމަންޓް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާނެ ކަމަށެވެ. އަދި 25 އަހަރުގެ މުއްދަތުގެ ތެރޭގައި އެއްކޮށް ފައިސާ ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީ އިން ބުނިގޮތުގައި ފްލެޓްތަކުގެ ޑައުން ޕޭމަންޓް ނުނަގާނެއެވެ. ބޭނުންވާ ފަރާތްތަކުން އެ ފައިސާ ދެއްކިދާނެއެވެ. އަދި ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނުނިންމާ ހަވާލު ކުރުމަށް ނިންމާފައިވާތީ ފުރަތަމަ 3 މަސް ދުވަހަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑުވެގެން މަހަކު ދެވޭނެ އަގު ކަނޑައެޅި ނަމަވެސް އެޗްޑީސީ އިން މީގެ ކުރިން ވަނީ ޑިޒައިނަށް ބަދަލުގެނައުމަށްފަހު 11،000 ރ. އަށް މި ފްލެޓްތައް ދިނުމަށް ވިސްނާފައެވެ.
އެކަމަކު އެއީ ދެ ކޮޓަރީގެ ފްލެޓަކަށް ބޮޑު އަގަކަށް ވާތީ ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޗްޑީސީން މީގެ ކުރިން ބުންޏެވެ.

ރައީސް ޔާމީން ނިންމަވާފައިވާ ގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5،600ރ. އެވެ. އަދި ފްލެޓެއް މަހަކު އެންމެ ބޮޑުވެގެން 7،000ރ. އަށް ދެއްކި ނަމަވެސް 15 އަހަރުގެ ތެރޭގައި އެޗްޑީސީ އަށް ފައިދާވާނެ އެވެ. އެއީ މަޝްރޫއުގެ ހުރިހާ ހަރަދެއް ހިމަނައިގެންނެވެ.

ހިޔާ މަޝްރޫއުގެ ދެ ކޮޓަރި އާއި ދެ ފާހާނަ އާއި ސިޓީން ރޫމް، 550 އަކަފޫޓަށް ހަމަޖެއްސުމުން މިސަރުކާރުން އެކަމާ ނުރުހުން ފާޅުކޮށް ޑިޒައިނަށް ބަދަލު ގެންނަން ނިންމައި އެކަން ނުކުރެވުމުން ފްލެޓް ހައްގުވާ ބައެއް ފަރާތްތަކުން ބުނީ އަމިއްލަ ގެދޮރުގަ އުޅެވޭނެ ގޮތެއް ނެތިގެން މާލެއިން އެވަރުގެ ތަނެއް 12 ހާސް ރުފިޔާއަށް ހިފައިގެން އުޅުމަށް ވުރެ ރައީސް ޔާމީންގެ ސަރުކާރުން ނިންމި އަދަދު ކަމަށްވާ 5،600 ރުފިޔާއަށް އުޅުންވެސް މާ ރަނގަޅު ކަމަށެވެ.

ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރު މަޝްރޫއު އެކުލަވާލި އިރު، އަގު ކުރީ ކޮންމެ ފްލެޓަކަށް 62،000 ޑޮލަރު (954،800ރ) ޖެހޭ ގޮތަށެވެ. އެއީ ޖުމްލަ 434 މިލިއަން ޑޮލަރު (6 ބިލިއަން ރުފިޔާ) އެވެ. އެ އަގަށް އެވޯޑް ކުރި އިރު، މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ފްލެޓްތަކުގައި ތަށިމުށި ޖެހުމާއި ކުލަ ލުމާއި ދޮރު ހަރުކުރުން ފަދަ ފިނިޝިންގެ މަސައްކަތްތަކެއް ނުހިމެނެ އެވެ. އެކަމަކު ފަހުން އެޗްޑީސީން ވަނީ ފިނިޝިން މަސައްކަތް ވެސް ހިމަނައިފަ އެވެ. އެކަމަށް އިތުރު 42 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ) ހޭދަކުރަން ޖެހެ އެވެ.

އެޗްޑީސީން މީގެ ކުރިން ބުނީ މަޝްރޫއުގެ ފިނިޝިން ކޯސްޓުގެ އިތުރުން ފައިނޭންސް ކޯސްޓް، ލޭންޑް ކޯސްޓް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޯސްޓް ހިމެނުމުން މަޝްރޫއުގެ ޖުމްލަ އަގު 560 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ޔުނިޓަކަށް ގާތްގަނޑަކަށް 82،000 ޑޮލަރު، (1.2 މިލިއަން ރުފިޔާ) ޖެހޭ މިންވަރެކެވެ.

މަޝްރޫއުއަށް ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު 6 ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދައްކަން ޖެހެއެވެ. އެހެންކަމުން އިތުރަށް ހޭދަކުރާ 42 މިލިއަން ޑޮލަރާއި އިންޓަރެސްޓާ އެކު، މި ލޯނު ދައްކާ ނިމޭ އިރު ޖުމްލަ 703 މިލިއަން ޑޮލަރު (10.8 ބިލިއަން ރުފިޔާ) އަރާނެ ކަމަށް އެޗުޑީސީން ލަފާކުރެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button