ވިލިމާލެ ކޮމިއުނިޓީ ގާޑަން ރަސްމީކޮށް ހުޅުވައިފި
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ހެދި ކޮމިއުނިޓީ ގާޑަން ރަސްމީކޮށް ހުޅުވައިފިއެވެ.
މި ބަގީޗާ ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި އެދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ ވިލިމާލޭގައި މި ހުޅުވުނު ކޮމިއުނިޓީ ގާޑަންއަކީ ގަސް އިންދުމަށް ޝައުޤުވެރިވާ ވަރަށް ގިނަ ބައެއްގެ އުންމީދުތަކެއް ޙަޤީޤަތަކަށް ވެގެންދިޔަ ކަމެއް ކަމަށެވެ.
އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދީފައި އޮތް ކަމެއް، ކަނބަލުންނާއި ޒުވާނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ. އެހެންވީމަ މިއަދު މިތަނުގައި ރަސްމީކޮށް މި ކޮމިއުނިޓީ ގާޑަން ހުޅުވިގެން ދާއިރު އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ފުރުޞަތަކީ މިތަނުގެ ބޭނުން ކޮށްގެން އާމްދަނީ ހޯދަން. މޭޔަރު ވިދާޅުވިއެވެ.
ވިލިމާލޭގެ ކޮމިއުނިޓީ ގާޑަންގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ބަގީޗާގައި އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީއާއި މާމެލާމެލީގެ ގަސްތައް ހައްދާފައި ވެއެވެ.