ޚަބަރުސިޔާސީ

ފިޔަވަޅު އެޅިޔަސް ޓެކްސް ބޮޑު ކުރަން ތާއީދެއް ނުކުރާނަން: މެންބަރު ރަޝީދު

ފިޔަވަޅު އެޅިޔަސް ޓެކްސް ބޮޑު ކުރަން ތާއީދު ނުކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

މެންބަރު ރަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ޓެކްސްގެ ބިލަށް ވޯޓުދިނުމަށް މަޖުބޫރުކޮށް، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެ، އެ ވިޕާ ހިލާފް ވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ހާމަކުރެއްވުމާ ގުޅިގެންނެނެވެ. އަސްލަމް އެފަދައިން ހާމަކުރެއްވީ ”ސަންގު“ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިޔަވަޅު ހަމަ އަޅަންވީ ކަމަށާއި، ޓެކްސްގެ 3 ލައިން ވިޕާ އެބޭފުޅާ ހިލާފް ވާނެ ކަމުގައެވެ. އަދި އެކަމަށްޓަކައި އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދޭ ކަމުގައިވެސް ރަޝީދު ވިދާޅުވިއެވެ.

”ޓެކްސް އިތުރުކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން މިފަދަ ނާޒުކު ދަނޑިވަޅެއްގަ.“ މެންބަރު ރަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހު ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު މަޖިލީހަށް ފޮނުވި ބިލުގެ ބަހުސް ނިންމުމަށް ފަހު، މިމަހުގެ 11 ވަނަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ. މި ބިލަށް ވޯޓަށް އެހިވަގުތު 62 މެންބަރުން ހާޒިރުވެ ތިއްބެވިއިރު، މިބިލާ އެއްކޮޅަށް ވޯޓު ދެއްވީ 32 މެންބަރުންނެވެ. 20 މެންބަރުން ވޯޓުގައި ބައިވެރި ނުވާއިރު ބިލާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. އެއީ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން އާއި ޕީޕީއެމްގެ މެންބަރު އަހްމަދު ޝިޔާމް، ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް، ޕީއެންސީގެ މެންބަރު އާދަމް ޝަރީފް، ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު، އެމްއެންޕީގެ މެންބަރު އަހުމަދު ނާޒިމް އާއި އެޕާޓީގެ މެންބަރު އަބްދު ރިޔާޒު އެވެ. މީގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްވެސް އެބިލާ ދެކޮޅަށް ވޯޓު ދެއްވިއެވެ.

މި ބިލުގެ ބަހުސްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުންވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މިއަދުގެ ވޯޓުގައި އެމްޑީޕީގެ އެއްވެސް މެންބަރަކު އެ ބިލާ ދެކޮޅަށް ވޯޓެއް ނުދެއްވައެވެ

މި ބިލް ހުށަހެޅި ސަބަބަކަށްވަނީ މިވަގުތު ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެސް މިކަމުގެ އަސަރު ކުރަމުން ދާތީ އާއި ދައުލަތުގެ ކޮންމެ ދުވަހެއްގެ ހަރަދުތައް ހަމަނުޖެއްސޭނެކަމަށް ބުނެއެވެ. އަދި މި ބިލްގެ ދަށުން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް %6 އިން %8 އަށް ބޮޑުވެގެންދާނެއެވެ. މިބިލު ގާނޫނަކަށް ވެއްޖެނަމަ، އެއަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ އިން ފެށިގެންނެވެ.

One Comment

  1. މިހާ ނާޒުކު ދަޑިވަޅެއްގައި ޓެކުސް ބޮޑުކުރުމައްވުރެ މާރަގަޅުވާނެ ސިޔާސީ މަޤާމު ތަކުގައިތިބި ބޭކާރު ބޭފުލުން މަދުކުރެއްވިއްޔާ އަޅުގަޑުމެން ރަށުން ހަމައެކިނި ބެލިއަސް ކޮންމެ މަހަކު 50000 ފަންސާސްހާސް ރުފިޔާާ 3ބޭފުޅުންގެ މުސާރަ އައް ސަރުކާރުން ދާކަމައް އެބަވޭ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button