ޚަބަރުސިޔާސީ

ގާނޫނީ ހުސްކަމެއްގެ ތެރޭގައި 3 މަސް ދުވަހު އޮތް އޭސީސީއަށް މެންބަރުން އައްޔަންކޮށްފި

ގާނޫނީ ހުސްކަމެއްގެ ތެރޭގައި 3 މަސް ދުވަހު އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެންބަރުން އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލަށް އައްޔަން ކުރާ މެންބަރުންނަށް، މެންބަރު ކަމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާނެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތެވެ.

އޭސީސީއަށް މިއަދު އައްޔަން ކުރެއްވި ބޭފުޅުން

1. އަލްއުސްތާޛު އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި (ރައީސް)
2. އަލްއުސްތާޛު ޢަބްދުއްސަލާމް ހަވާ، ށ.ނަރުދޫ (ނައިބު ރައީސް)
3. އަލްއުސްތާޛު ޠާހާ މުޙައްމަދު ކަޅިހާރުގެ، އދ.މާމިގިލި
4. އަލްފާޟިލާ ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު
5. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ނާރެސް، ރ.ހުޅުދުއްފާރު

މި ބޭފުޅުންގެ ތެރެއިން އަލްއުސްތާޛު އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯސް ހާސިލު ކުރައްވާފައެވެ.

އަލްއުސްތާޛު ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

އޭސީސީއަށް އަލަށް އައްޔަންކުރި މެންބަރުން: ފޮޓޯ – އޭސީސީ

އަލްއުސްތާޛު ޠާހާ މުޙައްމަދު ހުންނެވީ ”ދަ ލިޓިޖެންޓްސް އެލް.އެލް.ޕީ“ގެ ޕާޓްނަރެއްގެ ގޮތުގައެވެ. މީގެ އިތުރުން އަލްއުސްތާޛު ޠާހާ މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދެވި ”ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ“ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަލްއުސްތާޛު ޠާހާ މުޙައްމަދު ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

ޝަޒްނާ ހާޝިމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. ޝަޒްނާ ހާޝިމް ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ބެޗްލަރސް ޑިގްރީ އިން ކޮމަރސް (އެކައުންޓިން) ހާސިލުކުރައްވާފައެވެ.

އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައެވެ. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ ހާސިލު ކުރައްވާފައެވެ.

ގާނޫނީ ހުސްކަމެއްގެ ތެރެއަށް އޭސީސީ ދިޔައީ އެ ކޮމިޝަންގެ ކުރީގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކުރުމުންނެވެ. އެ ކޮމެޓީ އިން އެގޮތަށް ނިންމީ އޭސީސީގެ ޕާފޯމެންސް އޮޑިޓެއް ހެދުމަށްފަހު، އެ އޮޑިޓުން މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ ކަމަށް ފާހަގަވެގެންނެވެ. އޭރުގަ ތިބި މެންބަރުން ވަނީ އޭސީސީން އަމިއްލައަށް އިސްތިއުފާ ދީފައެވެ. އަދި އޭރުގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވެފައިވާގޮތުގަައި ރައީސް ސޯލިހުގެ ދައުރު ފެށުނީއްސުރެ ނިޒާމުގެ އެތެރެއިންނާ ބޭރުން ކޮމިޝަން ފެއިލްކޮށްލަން އެކިފަރާތްތަކުން ވަނީ މަސައްކަތް ކޮށްފައެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ފެށުމުގެ ކުރިން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ކޮރަޕްޝަން މައްސަލައެއް ބަލަން ފަށާފައިވާ ކަން “ބޮންތި” އަށް މީގެ ކުރިން ވަނީ އެނގިފައެވެ.

އޭސީސީގެ އިތުރުން ރައިސް އިބްރާހީމް މުހައްމަދު ސޯލިހު އުފެެއްދެވި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރުންވެސް މާބޮޑު މަސްއޫލިއްޔަތެއް އަދާ ކުރައްވާ މަންޒަރެއް ނުފެނެއެވެ. އެކަމަކު އެ ދެކޮމިޝަންގެ ޕާފޯމެންސް ރައީސް ސޯލިހު ބެއްލެވިކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މަރު ކޮމިޝަނާއި އެސްް ރިކަވަރީ ކޮމިޝަނަށް ދައުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރިއިރު، 80 އިން ސައްތަ އަކީ މުސާރާއާއި އިނާޔަތެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button