ޚަބަރު

މަރުގެ ހުކުމް ތަންފީޒުކުރަން އުޅުމުން ހިއުމަން ރައިޓްސް ވޮޗް އިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން އިއުލާން ކުރުމުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން އެކަމާ ދެކޮޅަށް ބަޔާނެއް ނެރެފިއެވެ.

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކޮށް، މަރަށް މަރު ހިފާނެކަން އިއުލާން ކުރެއްވީ މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ހޯމްލޭންޑް އެންޑް ސެކިއުރިޓީ ވުޒާރާގެ ވަޒީރު އަލީ އިހްސާނެވެ.

ސަރުކާރުގެ އެ ނިންމުމަށް ކަންބޮޑުވުން ފާޅުކޮށް ހިއުމަން ރައިޓްސް ވޮޗް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރަން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލާކަމަށެވެ.

”ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު މިހާރުން މިހާރަށް މަރުގެ އަދަބު އަލުން އިއާދަކުރަން ސަރުކާރުން ގެންގުޅުއްވާ ވިސްނުން އަނބުރާ ގެންދަވަން ޖެހޭ. މި ލާއިންސާނީ އަމަލު އުވާލުމަށް ދުނިޔޭގައި ކުރާ މަސައްކަތާ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެއްގޮތް ވާން ޖެހޭ،“ ބަޔާނުގައި އެ ޖަމްއިއްޔާގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖޭގައި ގާނޫނުލްއުގޫބާތުގައި ގަސްދު މަރުގެ އަދަބަކަށް މަރުގެ ހުކުމް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަބު ތަންފީޒުކުރަން ކުރީގެ ސަރުކާރުތަކުން އިއުލާން ކުރި ނަމަވެސް އެކަމާ ދެކޮޅަށް ބޭރުގެ ޖަމިއްޔާތަކުން ދަނީތެދުވަމުންނެވެ.

ހަމައެހެންމެ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި ނިންމުމަށް ވެސް  ބޭރުގެ އެކި ފަރާތްތަކުން ދިޔައީ ދެކޮޅުހަދާ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button