މަސްމާރުކޭޓުގެ މަސައްކަތްތަކުގެ މައުލޫމާތު މޭޔަރު ހިއްސާ ކުރައްވައިފި
މާލޭ ރޯމަސް މަސްމާރުކޭޓު ގައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
މުއިއްްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު ފޫޓް އަށް ފޫޓު ގެ 18 އަށި އެއްކޮން ތަޅާ އަލުން ކޮންކްރީޓުކޮށް އަށި ރާނާ، އަށީގެ އެތެރޭގައި ފޯމްޖަހާ ފައިބަރުކޮށް ޖެލްޖަހާ އަދި އަށީގެ ބޭރުގައި މުށި ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ފަސް ފޫޓް އަށް ފޫޓުގެ ހަތް އަށި އެއްކޮން ތަޅާ އަލުން ކޮންކްރީޓުކޮށް އަދި ރާނާ، އަށީގެ އެތެރޭގައި ފޯމްޖަހާ ފާއިބަރުކޮށް ޖެލްޖަހާ އަދި އަށީގެ ބޭރުގައި މުށި ޖެހުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. ހަތް ފޫޓް 12 ފޫޓުގެ ތިން އަށި ހަ ބަޔަށް ބައިކޮށް، ފައިބަރު ކޮށް ޖެލްޖެހުމުގެ މަސައްކަތާއި ކުދިމަހަށް ހާއްސަ ކޮށްފައިވާ ތިން ފޫޓް އަށް ފޫޓުގެ 10 އަދި އަލުން ރާނާ މުށި ޖެހުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
Male ge masmaarukeyt maraamathu kurumuge masakkai: pic.twitter.com/f6vVtufKFj
— Dr Mohamed Muizzu (@MMuizzu) March 12, 2022
މުއިއްޒު ވިދާޅުވީ ހުރިހާ އަށި ތަކެއްގައި ނަންބަރު ޖެހުމާއި ހުރިހާ ތަނބެއް މަރާމާތުކޮށް، ފައިބަރުކޮށް ޖެލްޖެހުމުގެ މަސައްކަތް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މާރުކޭޓުގެ ގަސްވިއްކާ ސަރަހައްދުގެ ދެބައިކުޅަ އެއްބައިގައި ކުލަލުމާއި ކަރަންޓް ވައިރު އަލުން އަޅާ، ކުރިންހުރި ހޮޅުބުރިތައް ނައްޓާ އަލުން 12 ލެޑު ލައިޓު ހަރުކުރުމުގެ މަސައްކަތް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މާރުކޭޓުގެ ފެންޑާގައި މުށިޖެހުމާއި މުޅިން އަލަށް ހަދާ ހަތަރު އަށީގެ ތެރެއިން ދެ އަށި ރާނާ ސިމެންތި ޖެހުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.