ޚަބަރުސިޔާސީ

މެއި 10ގެ ނިޔަލަށް ހުރިހާ ސިފައިން ބާލަން އިންޑިއާއިން އެއްބަސްވެއްޖެ

މެއި 10ގެ ނިޔަލަށް ހުރިހާ ސިފައިން ބާލަން އިންޑިއާއިން އެއްބަސްވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ވަނީ ބައްދަލު ކުރައްވައިފައެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒާއި މޯދީ އެއްބަސްވެ ވަޑައިގެންނެވި ގޮތަށް ”ހައި ލެވެލް ކޮމިޓީ“ އެއް އުފައްދައި އެ ކޮމިޓީގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި ވަނީ ބައްވާފައެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި ބައްދަލުވުމުގައި އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވިއެވެ.

މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގައި ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ދެ ފަރާތުން ވެސް އެއްބަސްވީ 10 މާޗް 2024 ގެ ކުރިން ތިން އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމްގައި ތިބި ސިފައިން ބޭލުމަށް ކަމަށާއި އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިންގެ 10 މެއި 2024 ގެ ކުރިން ބޭލުމަށް ކަމަށެެވެ.

އަދި މި ބައްދަލުކުރެއްވުމުގައި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިގްތިސާދީ އަދި ތަރައްޤީގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ގައުމުން މަޝްވަރާކުރި ކަމަށްވެސް ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ވިދާޅުވީ، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ދިވެހިންނަށް އިންސާނީ އަދި މެޑްވެކްގެ ހިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެ ގައުމުގެ މެދުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ހައިލެވެލް ކޯރ ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން މާލޭގައި ބޭއްވުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމެވެ. އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން އެބަތިއްބެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button