ޚަބަރު

ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށް ލުއިތަކެއް ދޭން ޖެހޭ: މޭޔަރ މުއިއްޒު

ޓެކްސީ ޑްރައިވަރިންނާއި ސެންޓަރުތަކުގެ ވިޔަފާރިއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން އެ ފަރާތްތަކަށް އެހީވެދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމުގައިވާ “ވަގުތު”އަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ ޓެކްސީގެ ހިދުމަތް އެންމެ ބޮޑަށް އޮތީ މާލެ ސަރަހައްދުގައި ކަމަށް ވުމުންނާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ހިދުމަތް ބޭނުން ކުރާތީވެ، ޓެކްސީ ހިދުމަތަށް ދިމާވެގެން އުޅޭ މައްސަލާގައި ސިޓީ ކައުންސިލްގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށެވެ.

އާންމު ރައްޔިތުން އަތް ނުފޯރާ ވަރުގެ އަގެއް ނަގަން ޑްރައިވަރުން ވެސް ބޭނުން ނުވާނެ ކަމަށާއި އެހެންނަމަވެސް މިހާރު ހާލަތު އޮތް ގޮތުން ދެކޮޅު ނުޖެއްސޭނަމަ އެ ވާހަކަ ވެސް ޑްރައިވަރުން ދައްކާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”މިއީ ވަރަށް ބޮޑަށް ގުޅިލާ މެހިފައިވާ ކަންކަން، އެހެންވީމާ ސަރުކާރުން އެބަ ޖެހޭ އެ ފަރާތްތަކާއި އެކު އިށީނދެ ވާހަކަ ދައްކަން، އަދި ސަރުކާރުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް ލުޔެއް ދޭން، ދެވެން އޮތް އެހީއެއް ދޭން، އޭރުން ހައްލު ވާނެ،“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކަމުގައި ހައްލުތަކެއް ގެނެސްދޭން ސިޓީ ކައުންސިލްގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button