ޚަބަރު

ޝިއުނާގެ ހާލު ގޯސްވެ އިތުރު ފަރުވާއަށް ބޭރަށް!

25 ޖުލައި ވީ ހޯމަ ދުވަހުގެ މެންދުރު 12:15 އެހާކަންހާއިރު، ފަހަތުން އައިސް އޯވަޓޭކް ކުރި ޓެކްސީއެއްގައި މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު އަދި ނޫސްވެރިޔާ މަރިޔަމް ޝިއުނާ (ނަންނަ) ދުއްވަމުން ދިޔަ ސައިކަލު ޖެހި، ހިނގި އެކްސިޑެންޓުގެ ސަބަބުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ޝިއުނާ ގެންގޮސްފިއެވެ.

އެގޮތުން ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލަށް ދިއުމަށް މީގެ އިރުކޮޅެއް ކުރިން އާއިލާ އާއިއެކު ޝިއުނާ ވަނީ ފުރާފައެވެ.

ޝިއުނާގެ އެކްސިޑެންޓަށް 14 ދުވަސް ވެފައިވާއިރު އޭނާގެ ހަށިގަނޑުގެ ތެރެއަށް ގިނަ އަދަދަކަށް ލޭ ވަނީ އެޅިފައެވެ. އަދި މައިބަދައިގެ ދެ ތަނެއްގައި ރެނދު އެޅިފައިވާއިރު، ދެފައިގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ކިރިޔާވެސް އިހުސާސް ކުރެވެނީ ނުވަތަ ހަރަކާތް ކުރެވެނީ ކަނާތު ފައިގެ ބޮޑުވައި އިނގިއްޔެވެ.

އެންމެ ފުރަތަމަ ޝިއުނާ އެޑްމިޓް ކުރީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ޓްރީ ޓޮޕަށް ބަދަލު ކުރީ ހޮސްޕިޓަލުން އިހުމާލުވެފައިވާ އާއިލާއަށް ގަބޫލު ކުރެވޭތީއެވެ. ހުޅުމާލޭ ހޮސްޕިޓަލުން ޝިއުނާ އަށް ދިން ޑިސްޗާޖު ސަމަރީ ރިޕޯޓުގައިވާގޮތުން ޔޫރިން ބޭގު ނުގުޅައި، 3 ފަހަރެއްގެ މަތިން ނަރުހުން އޭނާ ފާހާނާއާށް ގެންދިޔައެވެ. މިފަދަ އެކްސިޑެންޓު ތަކުން ލިބިފައިވާ އަނިޔާ އިތުރަށް ބޮޑު ނުވާނެހެން އާންމުކޮށް ބަލި މީހާ ބާއްވާނީ ހަރަކާތް ނުކުރެވޭގޮތަށް ތައްޔާރު ކޮށްފައެވެ.

ޝިއުނާގެ ހަށިގަނޑުގެ ތެރެއަށް އެޅިފައިވާ ލޭ

މި ހާދިސާ ހިނގިތާ 5 ދުވަސް ފަހުން މިދިޔަ މަހު 31 ވަނަ ދުވަހު ފުލުހުން ވަނީ ޝިއުނާ އެޑްމިޓް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގޮސްފައެވެ.

ފުލުހުންގެ ރަސްމީ ބަހެއް މި މައްސަލައިގައި ނުލިބުނު ނަމަވެސް އެކްސިޑެންޓް ހިނގި ވީޑިއޯ ސީސީޓީވީ ކެމެރާގެ ފުޓޭޖުން ފުލުހުން އަތުގައި އެބައޮތެވެ. އަދި ޓެކްސީ ދުއްވަން ހުރި މީހާގެ ބަޔާނެއްވެސް ފުލުހުން ނަގަން ވަނީ ނިންމާފައެވެ. އެކަމަކު އެ ބަޔާން ސީދާ ނެގިކަމެއް ނުވަތަ ނުނަގާކަމެއްވެސް ނޭނގެއެވެ.

މި މައްސަލައިގައި ޓެކްސީ ޑްރައިވަރުގެ ބަޔާން ނެގިތޯ އާއި ހާދިސާ ހިނގި ދުވަހު ޓެކްސީ ޑްރައިވަރު ފޮނުވާލި ފުލުސް މީހާ އަމަލުކޮށްފައިވަނީ ޕްރޮފެޝަނަލްކޮށް ތޯ ފުލުހުންނާ މިއަދު ”ބޮންތި“ އިން ސުވާލު ކުރުމުން މިއަދުވެސް އެއްވެސް ޖަވާބެއް ނުދެއެވެ.

”ބޮންތި“ އާއި ވާހަކަ ދައްކަމުން ޝިއުނާ ވިދާޅުވީ އެކި ގޮތްގޮތުން އެހީތެރިވެ، ހާލު ބަލައި، ހެޔޮ ދުއާ ކޮށްދޭ އެންމެނަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.

”އުންމީދަކީ ހިނގާފަ އައިސް ކައުންސިލްގެ ރަސްމީ މަސައްކަތާ ވީހާވެސް އަވަހަށް ހަވާލުވެ، ދަރިފުޅާއި އާއިލާ އާއި އެކު އުޅުން.“ ޝިއުނާ ވިދާޅުވިއެވެ.

”ބޮންތި“ އާ ވާހަކަ ދައްކަމުން ޝިއުނާ މަންމަ ބުނީ ލަންކާއަށް ފުރަނީ ވަރަށް ގިނަ ބައެއްގެ ދީލަތި އެހީ އާއި ހެޔޮ ދުއާ އާއި އެކު ކަމުގައެވެ.

”ބޭނުމީ އެންމެންގެ ހެޔޮ ދުއާ. ނަންނަ އަށް އަވަސް ޝިފާއަކަށް އެދި އެންމެން ދުއާ ކޮށްދީ.“ ޝިއުނާ މަންމަ ބުންޏެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ފުލުހުން ބަލަމުންދާކަން ނުރަސްމީކޮށް ”ބޮންތި“ އެނގުން ފިޔަވައި އެއްވެސް ތަފްސީލެއް މިއަދާ ހަމައަށް އައި އިރުވެސް ފުލުހުންގެ ފަރާތުން ލިބޭގޮތް ވަނީ ނުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button