ޚަބަރު

މިއީ މާގިނައިން ވެކްސިން ޖެހުނީމަ ކުރިމަތިވެގެން އުޅޭ ދައްޗެއް: މިނިސްޓަރ ނަސީމް

އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ހޯދުމުގެ މަސައްކަތުގައި ގިނަ ދަތިތަކެއް އެބަހުރިކަމަށާއި، އެއް ސަބަބަކީ މާގިނައިން ފުރަތަމަ ޑޯޒު ޖެހިފައިވުމުން ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައިސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ވެކްސިން އެލަޔަންސެއް ކަމަށްވާ ގާވީ އިން ވެކްސިން ދިނުމަށް ދެކޮޅުހަދަނީ މާގިނައިން ވެކްސިން ޖެހުމުން ކަމަށެވެ.

”އެހެންވީމަ މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވެގެން މިއުޅެނީ. އަޅުގަނޑު އެބޭފުޅުންނާ މަޝްވަރާ ކުރަމުން މިގެންދަނީ. އުންމީދަކީ މިކުރާ މަސައްކަތުން ގާވީ އޯގަނައިޒޭޝަނުން ދޭން ބުނެފަ އޮތް އަދަދަށް ލިބުން.“ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވިގޮތުގައި ވެކްސިން ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް ކަހަލަ ސިގްނަލެއް ލިބޭނެއެވެ.

”އިރާދު ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮންމެވެސް ގޮތްތަކެއް ވާނެ. އެބޭފުޅުން ދެއްވަން އޮތް އެތިކޮޅު ލިބޭތޯ އެބަ މަސައްކަތް ކުރަން.“ ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ހުސްވުމުގެ ސަބަބުން ފުރަތަމަ ޑޯޒު ޖެހި ހުރިހާ ފަރާތްތަކަށް ދެވަނަ ޑޯޒު ޖެހޭގޮތް ވަނީ ނުވެފައެވެ. އިންޑިއާގެ ހާލަތު ގޯސްވެ ދަތުރުފަތުރު ކުރުމަށް އޮތް ހުރަހަކީވެސް ވެކްސިން ލިބުމަށް އޮތް ދައްޗެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button