ޚަބަރު

ކަރަންޓުގެ ހިދުމަތަށް ސްޓެލްކޯއިން މި އަހަރު އުފެއްދީ 400 ވަޒީފާ: ފިރުޒުލް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މި އަހަރު އެކަނި ވެސް 400 ވަޒީފާ އުފައްދާފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިޤާލީ ކޮމިޓީތަކުން ކުރި މަސައްކަތްތަކުން ލިބިފައިވާ މައުލޫމާތުތަކުގެ ތެރެއިން ސަރުކާރުގެ ޔުޓިލިޓީސް ކުންފުނިތަކުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ޚުލާޞާއެއް އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ ހިއްސާކުރައްވާފައެވެ. ސްޓެލްކޯގެ ޖުމްލަ ދަރަނި 3.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެ ކުންފުންޏަކީ ކޮންމެ އަހަރަކުވެސް ފައިދާވަމުން އައިސްފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ 2024 ވަނަ އަހަރު ކުންފުނިން އަދާކުރަންޖެހޭ 185 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ. އަދި ކުންފުންޏަށް ފައިދާވަމުންދިޔަ ނަމަވެސް ކުރިއަށް އޮތް މުއްދަތުގައި ކުންފުންޏަށް ދައުލަތުގެ ފަރާތުން ފައިސާ ފޯރުކޮށްދޭންޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

2018 ވަނަ އަހަރު ނިމުނުއިރު ސްޓެލްކޯގައި 928 މުވައްޒަފުން ތިބިއިރު މިހާރު އެ ކުންފުނީގައި 1،688 މުވައްޒަފުން ތިބިކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭގެ ތެރެއިން 400 ވަޒީފާ މި އަހަރު ތެރޭ އުފައްދާފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފާއިތުވި ސެޕްޓެންބަރު މަހު އޮތް ރިޔާސީ އިންތިޚާބަށްފަހު ސްޓެލްކޯއިން އިތުރު 42 މީހަކަށް ވަޒީފާ ހަމަޖައްސާފައިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button