
ކޯވިޑް-19 އިން އަރައިގަތުމުގެ ގޮތުން އެންމެ ނުރައްކާތެރި ހާލަތުގެ ފަރުވާދިނުމަށް ވެންޓިލޭޓަރާއެކު ތައްޔާރުކުރަން ބުނި 200 އައިސީޔޫ އެނދު މިހާތަނަށް ތައްޔާރު ނުވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުން ހާމަވެއްޖެއެވެ.
ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ގެންދާކަމަށެވެ. އެމަނިކުފާނު އެންމެ ފުރަތަމަ މިހެން ވިދާޅުވީ މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ މިހާތަނަށް ތައްޔާރު ކުރެވުނު އައިސީޔޫގެ އެނދުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. ނަސީމް ވިދާޅުވިގޮތުގައި އައިސީޔޫ އެނދުތަކުގެ ޖުމްލަ އަދަދަކީ 102 އެވެ. އެއީ މަސައްކަތުގެ 50 އިން ސައްތައެވެ. އެހެން ކަމުން ރައީސް ސޯލިހު ވިދާޅުވި މަސައްކަތް ނުކުރެވި، އެމަނިކުފާނު ފެއިލްވެފައިވާކަން މިވަނީ ހާމަވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންނަން ބުނި ވެންޓިލޭޓަރު ނުގެނެވވި، އެކަމުގައި 31 މިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ދައްކައެވެ. އަދި އޮކްސިޖަން ސިލިންޑަރުތަކުން 16 މިލިޔަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެފައިވެއެވެ. މީގެ އިތުރުން މިހާލަތުގައި ސަރުކާރުން ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަނެފައިވާކަން ހާމަވެފައިވެއެވެ.