މާލެ ސިޓީ ކައުންސިލުން ގާއިމު ކޮށްފައިވާ ޕާކިންގ ސްލޮޓްތަކަށް ހުޅުވާލުމުން ގަޑިއެއްހާއިރު ތެރޭ ވެސް ހާހެއްހާ އެޕްލިކޭޝަން ލިބުނު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ “ހަވާސާ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެހިކަލްތައް ޕާކުކުރާނެ ޖާގަ ނެތުމަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް މިއަދު ވެހިކަލްތައް ވަރަށް ގިނަކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ޕާކިންގެ މައްސަލަ އަކީ ވަރަށް ވުޅާ މައުލޫ އެއް ކަމަށާއި އެންމެ ކަމެއް ހައްލުކޮށްގެން މުޅި މައްސަލަ ހައްލުވާވަރަށްވުރެ މައްސަލަ ބޮޑު ކަމަށެވެ.
އަޅުގަނޑުމެންނަށް އެބަފެނޭ މި ސްޓޫޑިއޯ ވަރު ތަންކޮޅުގައި ތިރީސް، ފަންސާސް ވެހިކަލް ރަޖިސްޓަރީ ކޮށްފައި. ކޮންމެވެސް ކަހަލަ ނޭދެވޭ ޢަމަލުތަކެއް ސަރުކާރުގެ ކޮންމެވެސް ހިސާބަކުން ހިނގައިގެން ނޫނީ ނުވާނެ ކަމެއް. މިހެން ގޮސް ވަރަށް ބައިވަރު މައްސަލަތައް އެކުލެވޭ ކަމެއް މިއީ. މުއިއްޒު ވިދާޅުވިއެވެ.
މޭޔަރ ވަނީ ޕާކިންގ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މޭޔަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ޕާކުކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވައުދުވެގެން ނަމަވެސް ޖޫރިމަނާ ވެސް ކުރަމުންދާ ކަމަށެވެ.
މުއިއްޒު އިތުރަަށް ވިދާޅުވީ އުންމީދަކީ ހާހެއްހާ ވެހިކަލަށް މީގެ ތެރެއިން ޖާގަ ލިބިގެން ދިއުން ކަމަށެވެ. އަދި ޕާކިންގ އިމާރާތްތައް އެޅުމުން ވަރަށް ގިނަ ވެހިކަލްތަކަށް ޖާގަ ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.