މުނިފޫހިފިލުވުން

ބަނޑުގެ ކަސްރަތުތަކާއި ކާރޑިއޯގެ ހަގީގަތާ އެކަންކަމުގެ ބައެއް އަސްލު

މި ލިޔުން ފެށުމުގެ ކުރިން، މިއީ އަލަށް ކަސްރަތުކުރަން ފަށާ މީހުނަށް ހާއްސަ ކޮށްލައިގެން ލިޔާލިޔުމެއްކަން ފާހަގަ ކޮށްލާނަމެވެ.

ބަނޑު ހިންދަން ނުވަތަ ހަށިގަނޑުގެ ބައެއް ތަންތަން ހިންދަން އެތަނަކަށް ވަކި ވަކި ކަސްރަތު ބައެއް ފަރާތްތަކުން ކުރާކަން ފާހަގަކުރެވެއެވެ. އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ތިމާ ހިކޭއިރު ހިކޭނީމުޅި ހަށިގަނޑު އެކީ އެކަށެވެ. ހިކުމުގެ އަސްލަކީ އެންމެ ބޮޑަށް ތިމާގެ ކެއުމުން ފެނިގެންދާނެ ކަމެކެވެ. ގިނައިން އަބަދު ކާކަމަށް ވަންޏާ ތިމާ ފަލަވާނެއެވެ. މަދުން ކާކަމަށް ވަންޏާ ހިކޭނެއެވެ. އެހެންކަމުން ހިކެންށޭ ކިޔާފައި ހަމަ އެކަނި ބަނޑުގެ ކަސްރަތު ތަކުން، ނުވަތަ އެނޫންވެސް ހަށިގަނޑުގެ ވަކިތަނަކަށް ހާއްސަ ކަސްރަތަކުން ނުފުދޭނެއެވެ. ބަނޑުގެ ކަސްރަތުގެ އަސްލު ބޭނުމަކީ ތިމާގެ ބަނޑުގެ މަސްތައް (އިނގިރޭސިން ނަމަ އެބްސް ނުވަތަ އެބްޑޮމިނަލް މަސަލްސް) ވަރުގަދަ ކޮށްދިނުމެވެ. ސިކްސް ޕެކް ތައް ވަރުގަދަ ކޮށްދިނުމެވެ.  ބަނޑުގެ ކަސްރަތު ހަމައެކަނި ކޮށްގެން ސިކްސް ޕެކް ނުވަތަ އެބްސް އެއް ނުފެންނާނެއެވެ. އެ ފެންނާނީ ބަނޑާއިއެކު މުޅި ހަށިގަނޑު ހިންދައިގެންނެވެ. ބަނޑު ހިނދޭނީ ތިމާގެ ކެއުމެގެ މިންވަރު މަދު ކޮށްގެނެވެ. އެއީ އެންމެ މުހިންމު ކަމެވެ. އޭރުން ތިމާގެ ބަރުދަން ލުއިވެ މުޅި ހަށިގަނޑުގައި ހުރި ސަރުބީ ވިރޭނެއެވެ.

ދެން އޮތް އެންމެ ބޮޑު އޮޅުމަކީ ހިކެން ކާރޑިއޯ (ދުވުން، ފެތުން، ހިންގުން ފަދަ ކަންކަން) އަށް އެކަނި އިސްކަންދޭ ދިނުމެވެ. އެއްވެސް ހާލެއްގައި އެއީ ކޮށްގެންވާނެ ކަމެއް ނޫނޭ ބުނަނީކީ ނޫނެވެ. ހަށިގަނޑަށް ހިފާއްޓާނުލެވޭ ވަރަށް ކެއުން ބަހައްޓައިގެން ކާރޑިއޯ ޖެއްސިޔަސް އެކަށީގެންވާ ބަދަލެއް ނުފެންނާނެއެވެ. ކުރިން ބުނިހެން ހިކެވޭނީ ކެއުން ކޮންޓްރޯލު ކޮށްގެންނެވެ. އެހެން ނަމަވެސް ތިމާގެ ކަސްރަތު ޕްލޭނަށް ކާރޑިއޯލުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ކާރޑިއޯ އިން ތިމާގެ ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭތީއެވެ. އަދި އޭގެ އިތުރުން ތިމާގެ ހަށިގަނޑަށް އޮކްސިޖަން ފޮނުވައިދޭން ކާރޑިއޯ އިން އެހީތެރި ވެދޭނެއެވެ. ލޭގެ ޕްރެޝާރ ހުންނަންވާ ވަރަށް ކާރޑިއޯ މެދުވެރިކޮށް ދަށްކޮށްލެވޭނެއެވެ. ހަމަ އެއާކު ކޮލެސްޓްރޯލް މަތި މީހުންނަށާއި، ޕްރެޝާރ އާއި ހަކުރު މަތި މީހުނަށްވެސް ކާރޑިއޯއިން ފައިދާ ވާނެއެވެ.

އެހެންކަމުން، ކެއުން ރަނގަޅު ވަރަކަށް ބަހައްޓައިގެން، ބާރަށް ހިނގުމުން ތިމާ ބަނޑު ހިނދި ހަށިގަނޑު ހިކޭނެއެވެ. ހިނގުން ހާއްސަކޮށް މިބުނީ ތިމާ ފަށާ އިރު ވެދާނެ އިންޖަރީ އަކުން ރައްކާތެރި ގޮތަކަށް ވާތީއެވެ. ހަފްތާއެއްގެ މައްޗައް މުޅިއަކު 150 މިނެޓު އެންމެ މަދުވެގެން ހިނގާލުން މުހިންމެވެ. އެއީ 5 ދުވަހު، ކޮންމެ ދުވަހަކު 30 މިނެޓެވެ.

މިދެންނެވި ގޮތަށް ހުރިހާ ކަމެއް ބަހައްޓައިފި ނަމަ، ﷲ ގެ އިރާދަ އާއި އެކެ ތިމާ ދުޅަހެޔޮ ސިއްހަތަކާއެކު ހަށިގަނޑު ލުއިވާނެއެވެ.

 

އަބްދުﷲ އަޝްޖަޢު (ފިޓްނަސް އިންސްޓްރަކްޓާރ އެއް)

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button