މާލެ ސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ހާޒިރީ އެލަވެންސެއް ދޭން މިއަދު ކުރިއަށް ގެންދިޔަ ސިޓީ ކައުންސިލްގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަކީ މާލޭގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ކެނޑިނޭޅި ރެއާ ދުވާލު ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ހީވާގީ މުވައްޒަފުންތަކެއް ކަމަށެވެ.
އެޓްންޑެންސް އެލެވެންސް ކަރުދާސް ޖަލްސާއަށް ހުށަހަޅާފައިވަނީ އެޗްއާރްއެމްޑީ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލެވެ.
ސަޕޯޓް ސްޓާފުން ފެށިގެން އެޑްމިން ސްޓާފުންނަށް ދުވާލަށް 35 ރުފިޔާ، އެޑްމިން އަދި ސީނިއާ އެޑްމިން ސްޓާފްއަކަށް ދުވާލަކު 50 ރުފިޔާ، ސީނިއާ އިން ފެށިގެން އެކްޒެކްޓިވް އަށް ދުވާލަކު 75 ރުފިޔާ އަދި ޕާކްތަކާއި ކޮންޓްރެކްޓް މުވައްޒަފުންނަށް ދުވާލަކަށް 35 ރުފިޔާގެ އެލަވެންސެއް ދިނުމަށެވެ.