ޚަބަރު

ޔޫކްރޭން ގެ ހާލަތު ގޯސްވެ ދަރިވަރުން ހާސްކަމެއްގެ ތެރޭގައި، ފޮރިން މިނިސްޓްރީ ހަނު!

ރަޝިއާއާއި ޔޫކްރެއިންގެ މަޝްރަހު ގޯސްވެ، ހަނގުރާމަ އިއުލާނުކޮށްފައިވާއިރު، ޔޫކްރެއިންގައި މެޑިކަލް ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އެބަ ތިއްބެވެ.

މިވަގުތު ޔޫކްރެއިންގައި މެޑިކަލް ކިޔަވަމުންދާ 36 ދަރިވަރުންތިބިއިރު އެކުދިން ދެން އަމަލުކިރަންވީ ގޮތެއް މިހާތަނަށް އައިރު ފޮރިން މިނިސްޓްރީއިން އަންގާފައެއް ނުވެއެވެ. އެހެން ނަމަވެސް ޔޫކްރެއިންއާއި ރަޝިޔާގެ ހަނގުރާމަ ފަށާނެކަމަށް އިއުލާނުކުރުމާއި ގުޅިގެން، އެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ހޯދާދިނުމަށް އެދި ފޮރިން މިނިސްޓްރީއަށް ވަނީ ހުށައަޅާފައެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ޖަރުމަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ގުޅާ އެކުދިން އަމަލުކުރަންވީ ގޮތް ސާފުކޮށްދިނުމަށް އެދިފައިވާ ކަން ބޮންތި އަށް ވަނީ ކަށަވަރުކުރެވިފައެވެ. 

ޔޫކްރެއިންގައި ތިބި ދަރިވަރުން ވަނީ އެ ކުދިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާކަމަށް ބުނެފައެވެ.

ހަނގުރާމަ އިއުލާނުކުރުމާއި ގުޅިގެން ޔޫކްރެއިންއިން ކުރާ ފްލައިޓުތައް ފުރި ޖާގަ ހޯދުމަށް ދަތިވާނެތީ، ވީހާވެސް އަވަހަކަށް އެކުދިން އަމަލުކުރަންވީ ގޮތެއް ސާފުކޮށްދިނުމަށް އެމްބަސީއިން އެދިފައިވާއިރު، ކުއްލިއަކަށް މާލެއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަތުތައް ބޮޑުކޮށްފައިވާތީ، ޓިކެޓުގަތުމަށް ބައެއް ދަރިވަރުންނަށް ދަތިވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިހާރު ޔޫކްރެއިންއިން ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ އަގު ހުރީ 1500 ޑޮލަރަށް އުފުލިފައެވެ. އެހެންކަމުން ޓިކެޓު ގަނެވޭނެ މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް ޓިކެޓުގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ދަރިވަރުން އެދިފައިވެއެވެ. އަދި ހަމަ އެއާއެކު މި މަހުގެ 16 ވަނަ ދުވަހު ޔޫކްރެއިންއިން މާލެއަށް ފުރުމަށް ހަމަޖެހިފައިވާ ފްލެޓުން އެ ކުދިންނަށް އާދެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާދިނުމަށް ދަރިވަރުން އެދިފައިވާ ކަމުގައި އިތުބާރު ހުރި މަސްދަރަކުން ވަނީ ބޮންތި އަށް ކަށަވަރުކޮށްދީފައެވެ. 

ހަނގުރާމަ ފެށުމާއެކު އެ ގައުމު ބަންދުކުރާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ، އެ ހިސާބުން ދެން އަނބުރާ އަންނަން ބޭނުންވިޔަވެސް، އެ ފުރުސަތު ނުލިބިދާނެތީ އެތަނުގައި ތިބި ދަރިވަރުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އަދި  ކޯވިޑްގެ ހާލަތުވެސް އެއްކޮށް ރަނގަޅު ނުވާތީ، ހެދިފައިވާ ގަވައިދުތަކުގެ ތެރެއިން ޕީސީއާރު ޓެސްޓު ކުރީ ބައިގައި ހަދަން ޖެހޭތީ، ވަގުތު އޮއްވައި ދަރިވަރުން އަމަލުކުރަންވީ ގޮތް ސާފުކޮށްދިނުމަށް ތަކުރާރުކޮށް ދަރިވަރުން ވަނީ އެދިފައެވެ. 

ޔޫކްރެއިންގައި ދަރިވަރުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ވީހާވެސް އަވަހަކަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫކްރެއިންގައި ތިބި ދަރިވަރުން ވަނީ ދިވެހި ސަރުކާރުގެ ކިބައިން އެދިފައެވެ. 

އެ މައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ބުނީ ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުން ގެންދާކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައިއެއް ނުވެއެވެ.

ޔޫކްރެއިންގެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓާރ ވިދާޅުވީ، ދަރިވަރުން އަމިއްލަގޮތުން އަންނަން ބޭނުންނަމަ މިހާރުވެސް އާދެވޭނެކަމުގައެވެ. އެހެން ނަމަވެސް ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެތޯ ކުރި ސުވާލަށް ފޮރިން މިނިސްޓްރީއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.  

ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ބެލެނިވެރިންވެސް ގެންދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރަމުންނެވެ. އެގޮތުން އެ ކުދިން ސަލާމަތުން ރާއްޖެ ގެނައުމަށް މިހާރަށްވުރެ އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް ދަރިވަރުންގެ ބެލެނިވެރިންވެސް ވަނީ ސަރުކާރުގައި އެދިފައެވެ.

ޔޫކްރޭނަށް ދިވެހިން ދަތުރު ނުކުރުމަށް މިއަދުގެ ވަގުތެއްގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button