ޚަބަރުސިޔާސީ

ރައީސް އާއި ނައިބު ރައީސް ވަކިކުރެވޭ މާއްދާ އިސްލާހުކުރީ ގާނޫނު އަސާސީއާއި ޚިލާފަށް: މިނިސްޓަރ ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތައް މަޖިލީހުގެ ގަވައިދު އިސްލާހުކުރީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ އެމްޑީޕީން ބޭނުންނަމަ ރައީސް އާއި ނައިބު ރައީސް މަޤާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން ދާއިރު، ވަޒީރު ޝިޔާމު ވިދާޅުވީ މިއީ ޤާނޫނު އަސާސީއާ ޚިލާފަށް ކޮމިޓީން ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅިފައި އޮންނަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުން ކަމަށާއި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވައިރު، މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.

 

މި އިސްލާހުގެ ދަށުން ރައީސް އާއި ނައިބު ރައީސް މަޤާމުން ވަކިކުރަން ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button