އެންމެންގެ އެކުވެރި އިބޫ ޑިސްއެބިލިޓީ ރެޕްރެޒެންޓަރުގެ މަގާމަށް ކުރިމަތިލައިފި
2021 ވަނަ އަހަރުގެ ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތްގެ ރިޔާސަތު ބެލެހެއްޓި ހަސަން އިބްތިހާލް އަލީ (އިބޫ) ޑިސްއެބިލިޓީ ރެޕްރެޒެންޓަރުގެ މަގާމަށް ކުރިމަތި ލައިފިއެވެ.
ލޮލަށް ފެނުމުގެ ނިއުމަތުން މަހްރޫމްވެފައި ވީނަމަވެސް އެންމެ ތަންފުކެއްވެސް ދޫނުދީ ހިތްވަރާއެކު މަސައްކަތް ކުރާ އިބޫ އަކީ ހަމަ ގައިމުވެސް ދިވެހިންނަށް އައު ނަމަކަށް ނުވާނެއެވެ. އިބޫ އަކީ ނުކުޅެދުންތެރިކަން ހުންނަ އިބޫ ފަދަ ކުދިންނަށް އެތަށް ހައްގެއް ހޯދައިދީ އެތަށް ކަމެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ކުއްޖެކެވެ.
އުމުރުން އެންމެ 18 އަހަރުގެ އިބޫ ފާހަގަވެގެން ގޮސްފައިވަނީ ކަންކަމުގައި އިސްނަގާ ކެރިގެން ކުރިމަތިލާ ކުއްޖެއްގެ ގޮތުގައެވެ. ދިމާވާ ގޮންޖެހުންތަށް ކިތަންމެ ގިނަ ނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި މަސައްކަތް ކުރާ ކުއްޖެއްގެ ގޮތުގައިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރުމަށް އެންމެ ގަދަ އަޅައި މަސައްކަތް ކުރާ އެކަކީ ވެސް އިބޫއެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާ ޖެހިލިމެއްނެތި އެކަމާއި ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ނަތީޖާވެސް އެހާމެ ފޮންޏެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތަތަކަށް ސަރުކާރުން ދެމުން އަންނަ އިނާޔަތްތަށް ބޮޑު ކުރާނެ ކަމުގެ ފެހި ސިގުނަލެއް ރައީސް ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވެވި ދުވަހު ދީފައެވެ.
އިބޫގެ ކެނޑިޑޭޓް ނަންބަރަކީ 3 ކެވެ. ޑިސްއެބިލިޓީ ރެޕްރެޒެންޓޭޓަރުގެ މަގާމު ހޮވުމަށް ވޯޓުލުން ހަމަޖެހިފައިވަނީ 19 ފެބްރުއަރީވާ ހޮނިހިރު ދުވަހުއެވެ.