އިދިކޮޅުން މިހާރު ކުރިޔަށް ގެންދާ ސިޔާސީ މަަސައްކަތް ނިންމާނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް 2023 ވަނަ އަހަރު ވެރިކަމަށް ގެނެސްފައި ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން 2023 ގެ ރިޔާސީ އިންތިހާބު، މާތްاللہގެ ތަނަވަސް ރަހުމަތްފުޅާއެކު ކާމިޔާބު ކުރެވޭނެކަމުގެ ކަށަވަރުކަން ލިބިއްޖެ ކަމުގައެވެ.
”ވަރުބަލިވުމެއްނެތް. ދެން ނުކުންނާނީ އަދި މާ ވަރުގަދަކޮށް. މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023 ގައި ވެރިކަމަށް ހޮވާފައި. ان شااللہ“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ވަރުގަދަ ކެމްޕެއިނަކަށްފަހު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އިދިކޮޅަށް ގެއްލުނީ 240 ވޯޓުގެ ތަފާތުންނެވެ. މިކަމާ ގުޅިގެން އިދިކޮޅުން ބުނީ ސަރުކާރުން ނުފޫޒު ފޯރުވި މިންވަރަށް ބަލާފައި ލިބުނީ ކާމީޔާބީއެއް ކަމުގައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން 2023 ގެ ރިޔާސީ އިންތިޚާބް،މާތް اللہ ގެ ތަނަވަސް ރަޙުމަތްފުޅާއެކު ކާމިޔާބު ކުރެވޭނެކަމުގެ ކަށަވަރުކަން ލިބިއްޖެ.ވަރުބަލިވުމެއްނެތް.ދެން ނުކުންނާނީ އަދި މާ ވަރުގަދަކޮށް.މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023ގައި ވެރިކަމަށް ހޮވާފައި.ان شااللہ
— Abdul Raheem Abdulla (@Banafsaa) February 6, 2022
މި އިންތިހާބުގައި ވާދަކުރި އެމްއެންޕީއިން ވެސް ބުނީ އި އެޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް، އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިމަގުގައި އެމްއެންޕީން ކުރާނެ ކަމުގައެވެ.
ކޮމަންޑޫ ބައި އިލެކްޝަންގެ އިންތިހާބު ބޭއްވީ މި އިންތިހާބުގެ ޝަކުވާ ހުށަހަޅަން ޖެހޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައެވެ. މީގެ އިތުރުން ބަޖެޓުގައި ނުހިމަނައި ދެކޮމަންޑޫ ގުޅުވުމުގެ މަސައްކަތާއި، އެ ދާއިރާގެ 3 ރަށަށް ބޭނުންވާ އިތުރު ކަންކަން ކުރުމާއި، އައު ވައުދުތަކެއް ކޯލިޝަން ސަރުކާރުން ވެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީއިން ފައިސާ ބަހައި އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ޕީޕީއެމާއި އެމްއެންޕީގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.