
މުޅި ދައުލަތް ނިކުމެ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ) އަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދީފިއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ދިޔައީ މިއަދު ހެނދުނު 08:00 އިން 16:00 އަށެވެ. އިސްކަންދަރު ސްކޫލުގައި ދެ ފޮއްޓެއް ބެހެއްޓިއިރު، އެ ދާއިރާގެ 3 ރަށުގައި 5 ވޯޓު ފޮށްޓެއް ބެހެއްޓިއެވެ.
މިހާތަނަށް މާލޭގައި ބެހެއްޓި ފޮއްޓެއްގެ ނަތީޖާ ފިޔަވައި 6 ފޮށްޓެއްގެ ނަތީޖާ ވަނީ ލިބިފައެވެ. އެގޮތުން 200 ވަރަކަށް ވޯޓުން ކުރީގައި އުޅެނީ ރާޝިދެވެ. އެހެންކަމުން ފަހު ފޮށީގެ ނަތީޖާއިން ބަދަލެއް އަންނާނެހެނެއް ހިއެއް ނުވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ރާޝިދުއަށް ލިބުނީ 1،119 ވޯޓެވެ. ފަތުހީއަށް ލިބިފައިވަނީ, 924 ވޯޓެވެ.
އިންތިހާބުގެ ވޯޓުލުން ފެށިގެން ނިމެންދެން ޕީޕީއެމާއި އެމްއެންޕީއިން ވަނީ އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެޕާޓީއިން ރިޝްވަތު ދޭކަމާއި، ވޯޓަށް ނުފޫޒު ފޯރުވާކަމަށް އެ ދެޕާޓީއިން ބުނަމުންދިޔައެވެ. އަދި އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށްވެސް ވަނީ ހުށަހަޅާފައެވެ.
ވޯޓުލާ މަރުކަޒުތެރޭގައި ހަމަނުޖެހުމެއް ނުހިނގިނަމަވެސް މާލެ އިސްކަންދަރު ސްކޫލު ސަރަހައްދުގައި އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ޒުވާބު އުފެދި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
ކޮމަންޑޫ ބައި އިލެކްޝަންގެ އިންތިހާބު ބޭއްވީ މި އިންތިހާބުގެ ޝަކުވާ ހުށަހަޅަން ޖެހޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައެވެ. މީގެ އިތުރުން ބަޖެޓުގައި ނުހިމަނައި ދެކޮމަންޑޫ ގުޅުވުމުގެ މަސައްކަތާއި، އެ ދާއިރާގެ 3 ރަށަށް ބޭނުންވާ އިތުރު ކަންކަން ކުރުމާއި، އައު ވައުދުތަކެއް ކޯލިޝަން ސަރުކާރުން ވެފައިވެއެވެ.