ޚަބަރުކުޅިވަރު

މުޅި ޔޫރަޕް ލަދުގަންނަވާލައި، މެސީގެ އަރޖެންޓީނާއިން ފިނަލިއްސިމާ ކާމިޔާބުކޮށްފި

ފަސޭހަކަމާއެކު ޔޫރަޕުގެ ޗެންޕިއަން އިޓަލީ 0-3 އިން ބަލިކޮށް އަރޖެންޓީނާއިން ކަޕް އޮފް ޗެންޕިއަންސްގެ ތަށި އުފުލާލައިފިއެވެ.

އިނގިރޭސިވިލާތުގެ ވެންބްލީގައި ކުޅުނު މި މެޗުގައި އަރޖެންޓީނާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ލިބުނު ގިނަ ފުރުސަތު ގޯލަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. އަރޖެންޓީނާއަށް އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އިންޓަރ މިލާންގެ ތަރި ލައުޓާރޯ މަރޓިނޭޒްއެވެ. ދެވަނަ ގޯލް ޑީ މަރީއާ ކާމިޔާބުކޮށްދިންއިރު، ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ޑިބާލާއެވެ.

މި މެޗުގެ ފުރަތަމަކޮޅު އިޓަލީއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް އަރޖެންޓީނާއިން ޖެހި ފުރަތަމަ ގޯލާއެކު އިޓަލީގެ ކުޅުން ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.

އަރޖެންޓީނާއިން މި މެޗް ކާމިޔާބުކުރި ނަމަވެސް އެޓީމުގެ ތަރި ލިއޮނެލް މެސީއަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އަދި މެޗުގެ ފަހުކޮޅު މެސީ ލައްވައި ގޯލް ޖަހަން މުޅި ޓީމުން މަސައްކަތްކުރިތަންވެސް ފެނިގެން ދިޔައެވެ. ގޯލެއް ނުޖެހުނު ކަމުގައިވިޔަށް މެސީ ވަނީ އެޓޭކިންގް މިޑްފީލްޑަރެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައި 2 ގޯލް އެސިސްޓުކޮށްދީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ފިނަލިއްސިމާ މެޗަކީ ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާ އަދި ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންމެބޯލް ގުޅިގެން އިންތިޒާމުކޮށް، ޔުރޯގެ ޗެންޕިއަނުންނާއި، ކޮޕާ އެމެރިކާގެ ޗެންޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ. ޔުއެފާ އަދި ކޮންމެބޯލްއިން މި މެޗު އިއުލާންކުރީ މިދިޔަ އަހަރުއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button