ކޮމަންޑޫ ބައި އިލެކްޝަންގެ ވޯޓަށް އެމްޑީޕީއިން ނުފޫޒު ފޯރުވަމުންދާކަމަށް އެމްއެންޕީއިން ވެސް ބުނެފިއެވެ.
އެ ޕާޓީއިން މިހެން ބުނެފައިވަނީ ކޮމަންޑޫ ބައި އިލެކްޝަންގެ ވޯޓަށް އެމްޑީޕީއިން ނުފޫޒު ފޯރުވައި ފައިސާ ބަހާ ކަމަށް ޕީޕީއެމުން ތަކުރާރުކޮށް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.
މި އިންތިހާބުގައި ވާދަ ކުރަނީ އެމްޑީޕީ އާއި، ޕީޕީއެމްގެ އިތުރުން އެމްއެންޕީގެ 3 ކެނޑިޑޭޓުންނެވެ. އެގޮތުން އެމެންޕީގެ ފައުންޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެނދުނުން ފެށިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ އިންތިހާބަށް ނުފޫޒު ނުފޯރުވުމަށް އިލްތިމާސްކުރުމުގައި އެކަނި ކަމުގައެވެ. އަދި އީސީގެ އޮފިޝަލުންނަށް އެމްޑީޕީގެ ކެނޑިޑޭޓް ވޯޓުލާ މަރުކަޒުގަ ގާނޫނާ ހިލާފަށް ކުރަމުންދިޔަ ކަންކަން ހުއްޓުވަން ނުކެރުނު ކަމުގައި އުޝާމް ވިދާޅުވިއެވެ.
ހެނދުނުން ފެށިގެން އިލްތިމާސްކުރުމުގައި @ElectionsMv މިތިބީ. އިލެކްޝަންސް އޮފިޝަލުންނަށް އެމްޑީޕީގެ ކެނޑިޑޭޓް ވޯޓުލާ މަރުކަޒުގަ ގާނޫނާ ހިލާފަށް ކުރަމުންދިޔަ ކަންކަން ހުއްޓުވަން ނުކެރުނު. https://t.co/yT2Eg5OeER pic.twitter.com/rFkOsuJUt1
— Ahmed Usham (@a_usham) February 5, 2022
އެއްވެސް މައްސަލައެއް އީސީއަށް ހުށަހަޅައިގެން ހައްލެއް ނުލިބޭ ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓް ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަކަން އުޝާމް ފާހަގަކުރެއްވިއެވެ.
”އެމްޑީޕީއިން އަންނަނީ ގާނޫނާ ހިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން.“ އުޝާމް ވިދާޅުވިއެވެ.
އެމްޑީޕީއިން ފައިސާ ބެހުމާއި ވޯޓަށް ނުފޫޒު ފޯރުވާ މައްސަލަ ޕީޕީއެމުން އީސީ އަދި ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެމްއެންޕީއިން ވެސް ވަނީ އެ މައްސަލަ އީސީއަށް ހުށަހަޅާފައެވެ.