ޚަބަރުސިޔާސީ

ރައީސް މުއިއްޒު އަޒުލު ކުރަން ހުށަހެޅި އިސްލާހާ ދެކޮޅަށް މަޖިލިސް ދޮށުގައި ދިގުދެމިގެންދާ އިހުތިޖާޖެއް ކުރަން ޖެހޭ: މުހައްމަދު އިސްމާއިލް

އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ ބޭނުން ނާޖާއިޒުގޮތުގައި ނަގައި، ރައްޔިތުން އިންތިހާބު ކުރި ވެރިއަކު އަޒުލުކުރަން މަސައްކަތް ކުރުމާ ދެކޮޅަށް ރާއްޔިތުންގެ މަޖިލީސް ކުރާ ސަރަހައްދުގައި އިހުތިޖާޖު ކުރަން ޖެހޭކަމަށް ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ އެމްޑީޕީން ބޭނުންނަމަ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރުމާ ގުޅިގެން އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

މުހައްމަދު ވިދާޅުވިގޮތުގައި ރައީސް މުއިއްޒަށް މަގާމު ހަވާލްކުރީ ދިވެހި ރައްޔިތުންނެވެ. އެއީ އެމްޑީޕީގެ ސުޕަރ މެޖޯރަޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ދިން މަގާމެއް ނޫން ކަމަށާއި، ޑިމަކްރަސީގެ އަސާސްތަކާއި، ގާނޫނު އަސާސީގެ ރޫހާ ހިލާފަށް، މެޖޯރިޓީ ބޭނުންކޮށްގެ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ ގާނޫނަށް ސުޕުރިމްކޯޓްގެ ބާރު ކެނޑޭގޮތަށް ހުށައަޅާފަައިވާ އިސްލާހާ ދެކޮޅަށް ރާއްޖޭގެ އެންމެހާ ރައްޔިތުން އެކުގަ ނުކުމެ އިހުތިޖާޖު ކުރަން މުހައްމަދު ވަނީ ގޮވާލައްވާފައެވެ.

”މަޖިލިސްކުރާ ގެކޮޅު ކައިރީ ސުލްހަވެރި ކަމާއެކު ދިގު ދެމިގެންދާ އިހުތިޖާޖްތަކެއް ކުރަންޖެހޭ.“ މުހައްމަދު ވިދާޅުވިއެވެ.

އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.

މި އިސްލާހުގެ ދަށުން ރައީސް އާއި ނައިބު ރައީސް މަޤާމުން ވަކިކުރަން ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button