މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ހަވާލުކުރަން ސަރުކާރުން އުޅެނީ ހީލަތްތެރި ގޮތަކަށް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިއާއިއެކު ޝުޖާއު ވަނީ ބަޖެޓާއި ވަސީލަތްތައް ނެތި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލަކަށް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ޝުޖާއު އިތުރަށް ވިދާޅުވީ މި ޚިދުމަތަކީ މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތެއް ނަމަވެސް ޚިދުމަތް ދެވޭނީ އެޗްޑީސީއިން މި ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އުޅަނދު ތަކާއި އެކު މުނިސިޕަލް ޚިދުމަތްދޭ މުވައްޒަފުންނާއި އެ ފަރާތްތަކުގެ މުސާރަފަދަ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ބަޖެޓްވެސް ސިޓީ ކައުންސިލާއި ހަވާލުކޮށްގެން ކަމަށެވެ.
މިގޮތަށް ވަސީލަތްތައް ހަވާލުނުކޮށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ޝުޖާއު ގެ ވާހަކައިގަ ވަނީ ފާހަގަކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލާއި ހަވާލުކުރަން ސަރުކާރުން ބޭނުންވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި،އެހެން ނަމަވެސް އެކަން ކުރަން ވިސްނާފައިވަނީ ވަރަށް ހީލަތްތެރި ގޮތަކަށް ކަމަށެވެ.އަދި މިކަމުގައި ސިޓީ ކައުންސިލަށް އެއްވެސް ބާރެއްވެސް ވަސީލަތެއްވެސް ދިނުމަށް އެޗްޑީސީން ވިސްނާފައި ނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
”އަޅުގަނޑަށް ބައެއް މަޢުލޫމާތު އެބަލިބޭ ސަރުކާރުން އެބަ ބޭނުންވާކަން މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ހަވާލުކުރަން. އެހެން ނަމަވެސް ހަވާލުކުރުމަށް ވިސްނަމުން ގެންދަނީ ވަރަށް ހީލަތްތެރި ގޮތަކަށް. އެއީ އެއްވެސް ބާރެއްވެސް ވަސީލަތެއްވެސް ނުދީ ފިހިގަނޑެއް އެކަނި ކައުންސިލާއި ހަވާލުކުރާ އުސޫލަކުން މިކަން ކުރުމަށް އެޗްޑީސީން ރާވަމުންދަނީ.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ މިކަމާއި ގުޅިގެން އެޗްޑީސީ އާއި ރައީސް އޮފީހަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޝުޖާއު ވިދާޅުވީ އެޗްޑީސީގެ މުނިސިޕަލް ޑިޕާޓްމެންޓްގެ ތެރެއިން ހުޅުމާލެ އޮޕަރޭޝަންގެ ނަމުގައި ވަކި ޑިޕާޓްމެންޓެއް އުފައްދައިގެން މުނިސިޕަލް ޚިދުމަތްތަކާއި ގުޅުންހުރި ކަންކަން އެ ޑިޕާޓްމެންޓްގެ ދަށަށް ގެންގޮސްގެން އެޗްޑީސީ އިން ކުރަމުން އަންނަނީ ހީލަތްތެރި މަސައްކަތްތަކެއް ކަމަށެވެ.
އެޗްޑީސީއިން މިފަދަ ޚިދުމަތްތަކެއް އޮޕަރޭޝަންސް ގެ ދަށަށް ބަދަލުކޮށްފައިވާއިރު އެއީ ލާމަރުކަޒީ ޤާނޫނުގެ 42 ވަނަ މާއްދާގައި ސިޓީ ކައުންސިލާއި މަތިކޮށްފައިވާ ޚިދުމަތްތަކެއް ކަމަށް ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ދޭން ސަރުކާރުން ނިންމި ނިންމުމަކީވެސް ސިޓީ ކައުންސިލުން މި ކަންކުރުމަށް ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ބޭނުންވަނީ ހުޅުމާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފީމޭ ބުނަން އެކަން ކުރުން ނޫންކަމަށާއި، އެކަން ކުރަންވާނީ ޤާނޫނުގައި ބުނެފައިވާގޮތަށް ކަމަށެވެ.
މީގެ އިތުރުން ހުޅުމާލޭގެ ރައްޔިތުންވެސް މުނިސިޕަލް ޚިދުމަތް ބޭނުންވަނީ ކުންފުންޏަކުން ނޫން ކަމަށާއި، އެދާއިރާގެ ރައްޔިތުން މިފަދަ ޚިދުމަތްތައް ބޭނުންވަނީ ކައުންސިލް މެދުވެރިކޮށް ނަމަވެސް ޤާނޫނުން ލާޒިމްކޮށްފައި ހުރި ކަންކަމާއި ސަރުކާރުގެ ޢަމަލުތައް ދިމާނުވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
”މިއީ ލާމަރުކަޒީ ޤާނޫނުގައި ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްދީފައި ހުރި ކަންކަން. މިކަންކަން އެއްކިބާކޮށްފަ ފިހިގަނޑެއްދީފަ އެޗްޑީސީގެ ގޮޅިއަކަށް ލީމަ މިކަމާއި ހަވާލުވާން ދެކޮޅު.“ ޝުޖާއު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރަން ޖެހޭނީ ހުރިހާ ބާރުތަކާއި އެކުގައި ކަމަށެވެ.
ޤާނޫނުގައިވާ ގޮތަށް ބާރުތައް ނުދޭން ސަރުކާރާއި އެޗްޑީސީ އިން އުޅޭ އުޅުން ކުއްވެރި ކުރައްވަމުން ޝުޖާއު ވިދާޅުވީ ނަމެއްގައި ހަވާލުވެގެން ދާއިރާގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭނެ ކަމަށެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން އެންމެ ބޮޑަށް ވަކާލާތު ކޮށްފައިވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށެވެ.