ޚަބަރުސިޔާސީ

އިންޓެލިޖެންސް ރިޕޯޓެއް އޮތް ނަމަ ޖަލުގައި މީހުން ނުތަޅުވާ ދައުވާ ކުރަންވީ: ރައީސް ޔާމިން

ފުލުހުންގެ އަތުގައި އިންޓެލިޖެންސް ރިޕޯޓެއް އޮތް ނަމަ ޖަލުގައި މީހުން ނުތަޅުވާ ދައުވާ ކުރަންވީ ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުވާ ނުކޮށް މީހުން ހައްޔަރުކޮށްގެން ޖަލުގައި ގެންގުޅުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމުގައެވެ.

”ތުހުމަތެއް ކުރެވޭ ވަރަށް މައުލޫމާތު އެއްކޮށްފަ ޗާޖު ކުރަންވީ. ޓްރައިލްގެ ކުރިން ޑިޓެންޝަނެއް އައިސްގެން ނުވާނެ. މި ހާލަތު އަދި ބަދަލުވާނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިފަދައިން ވިދާޅުވީ ”އިންޑިއާ އައުޓު“ ހަރަކާތް ހިންގުމުގައި އެ ޕާޓީގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ދެފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ޔާމީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ކުރީގެ ނައިބް ރައީސް އަދީބާއެކު ހަދާފައިވާ އެގްރީމެންޓުގައި އޮތީ ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލަ ނުބަލަން ޝަރުތު ކޮށްފައި ކަމަށް ވިދާޅުވެފައެވެ.

”މިސަރުކާރު ދެމިއޮތްހާ ހިނދަކު ލޯންޗު ގޮއްވާލި މައްސަލަައިގެ ހަގީގަތް ނުފަޅަން އޮތީ ޝަރުތުކޮށްފަ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ދަތުރު ކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި އަދީބު ޖަލަށް ލިއެވެ. އެކަމަކު މި ސަރުކާރުން ވަނީ އެ ހުރިހާ މައްސަލަތަކެއް އަނބުރާ ގެންގޮސްފައެވެ. އަދީބު ވިދާޅުވާގޮތުން އެއީ ފްރޭމެކެވެ. އެކަމަކު ޕީޕީއެމުން އަކަން ގަބޫލެއް ނުކުރެއެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އަށް ނޭނގި ދިވެއްސަކަށް މިހާރު ފައިސާ ނުގެންގުޅެވޭ ދަރަޖައަށް ދިވެހިން އަޅުވެތި ވެއްޖެ ކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކުން އިންޑިޔާއާއި ދާދިފަހުން ވެފައިވާ އެގްރިމެންޓެއްގެ ސަބަބުން ބޭންކުގައި އެކައުންޓު ހުންނަ މީހުންނާއި، އެމީހުން އެ ކައުންޓުން ކުރާ މުއާމަލާތްތައް އިންޑިއާ އަށް އެނގޭނެ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button