ޚަބަރު

ޔޯގާ ހަރަކާތް: ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން އިތުރު 6 މީހަކު ދޫކޮށްލައިފި

ފާއިތުވެދިޔަ މަހުގެ 21 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ބަންދުކުރެވުނު 21 މީހުންގެ ތެރެއިން އިތުރު 6 މީހަކު ދޫކޮށްލައިފިއެވެ.

މިއަދުގެ ވަގުތެއްގައި ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދޫކޮށްލާފައިވަނީ, ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ.މާލެ, ގ.ކޮލަމްބިއާ, މުހަމްމަދު ޒީޝާން ނާސިރު އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ބަންދުކުރެވުނު ފަރާތްތަކުގެ ތެރެއިން މުހައްމަދު މައުސޫމްގެ ލޯޔަރު, އަހުމަދު ތާލިބް ވިދާޅުވީ މި މައްސަލައިގައި ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން މިއަދު ބަންދުން ދޫކޮށްލެވުނު ފަރާތްތައް ބަންދުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ބަންދުކުރުމުގެ ތަރުތީބާއި ހިލާފަށްކަމަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްފައިވާކަމަށް ތުހުމަތު ކޮށްފައިވާއިރު, އެމީހުންގެ އަތުގައި އޮތީ ދިދައެއްކަން ތާލިބް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށްވެސް އެއްވެސް މަރުހަލާއެއްގައި ދިދައެއް ތޫނު ހަތިޔާރަކަށް ބަދަލުވީ ކިހިނެތްކަން ދައުލަތަށް ބުނެދެވިފައި ނުވާކަމަށް ތޯލިބު ވިދާޅުވިއެވެ.

މި މައްސަލައިގައި މިހާތަނަށް ޖުމްލަ 21 މީހުން ހައްޔަރުކޮށްފައިވާއިރު, މީގެ ތެރެއިން މިހާތަނަށް ދޫކޮށްލާފައިވަނީ އިސްވެދިޔަ 6 މީހުންނާއި, ޕީޕީއެމްގެ ސެނެޓަރު އިބްރާހިމް ރައްޒާން (ޓަކީ) އަދި އެންމެ ފުރަތަމަ ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ސާމީ އިދްރީހެވެ.

މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރެވި އަދިވެސް ބަންދުގައިވާއިރު, އޭގެ ތެރޭގައި މަޝްހޫރު  2 ދީނީ އިލްމުވެރިން ކަމަށްވާ ޝެއިޙް އާދަމް ނިޝާން އާއި ޝެއިޙް ފަޒްލޫން ބިން މުހައްމަދުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ހަމަ މި މައްސަލައިގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ މުހައްމަދު އިސްމާއިލްވެސް ވަނީ ބަންދު ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ, އަދި ކުރަމުންދާ ގޮތާއިމެދު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތެރޭގައިވެސް މައްސަލަ ގޯސްވެ, ފުލުހުންގެ އިދާރާ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފައިވާކަމަށް އެކި މަސްދަރުތަކުން ހަބަރު ލިބެއެވެ.

One Comment

  1. މަސްދަރު ހޫނުވެ ކަމެއްވެސް ކުރަން މަސައްކަތް ކުރާ ބަޔަކަށް ވަކިމޮޅެއްވެ އެމީހުންގެ މސްކާނެބަޔަކު ނުތިބޭނެކަމަށް.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button