ޚަބަރު

ބަންދުގައި ބަހައްޓަންޖެހޭ ޒާތުގެ ކުށަކަށް ލިވާތު ކުރުން ނުވާކަމަށް ޕީޖީއިން ބުނާ ބުނުމަށް ޝަމީމްގެ ރައްދެއް

ލިވާތު ކުރުމަކީ ބަންދުގައި ބައިތިއްބަންޖެހޭ ޒާތުގެ ކުށަކަށް ނުވާ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އިން ބުނުމާ ގުޅިގެން ވަކީލު އާދަމް ޝަމީމް ގާނޫނީ ރައްދެއް ދެއްވައިފިއެވެ.

ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހަކު ބަންދު ކުރުމުގައި އެމީހެއްްގެ މައްޗަަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތަށާއި ކުޑަ ބޮޑުމިނަށް ބެލުމަށް ގާނޫނުގައި ނޯންނަ ކަމުގައެވެ. އެކަން ބިނާވާންޖެހޭނީ އެމީހަކާ ދެކޮޅަށް ހުރި ހެކީގެ ނިސްބަތަށާއި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބަކުންކުރެ ސަބަބެއް އޮތުމުގެ މައްޗަށް ކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައިވާގޮތުން މައްސަލައެއްގެ ހެކި ފޮރުވުމަށް، ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް، ނުވަތަ ފިލައިފާނެ ކަމަށް، ބަންދުން ދޫކޮށްފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ބަންދު ކުރެވިދާނެއެވެ. އެހެން ކަމުން ކޮންމެ ޒާތެއްގެ ކުށަކަށް ވިޔަސް ބަންދުގައި ބޭއްތިއްބެނީ ގާނޫނުގައި ބަޔާންކޮށްފައިވާ މި ދެ ހާލަތުން ކުރެ ހާލަތެއްގެ މައްޗަށް ބިނާ ކޮށެވެ.

ޝަމީމްގެ ޓުވީޓުގައި ވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއް ހިމަނުއްވާފައެވެ. 2020 ވަނަ އަހަރު އެ ކޯޓުން ނެރުނު SC-A/61 ގަޒިއްޔާގައި ވާގޮތުން ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަކީ ކުށުގެ ކުޑަބޮޑުމިނާ ގުޅުވަން ޖެހޭ ކަމެއް ނޫނެވެ. އަދި މީހެއްގެ މިނިވަންކަން ގައިދު ވާންވާނީ އެމީހަކު ކުރިކަމަށް ތުހުމަތު ކުރެވޭ ކުށުގެ ކުޑަބޮޑުމިނަށް ބަލައިގެން ނޫންކަން އެ ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ.

”އެކަން ބިނާވާންވާނީ އޭނާ އެ ކުށެއް ކުރިކަމަށް ދައްކުވައިދޭ ހެކީގެ މައްޗަށާއި، އެ މީހަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ މިންގަނޑުން ބަންދުގައި ބަހައްޓަންޖެހޭ މީހަކަށް ވުމުގެ  ނުވަތަ ނުވުމުގެ މައްޗަށް ކަމުގައި އަހުރެން ދެކެމެވެ.“ ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ވެއެވެ.

އެހެންކަމުން ބަންގްލަދޭޝްގެ އަލަމްގީރާއެކު ލިވާތު ކުރި މައްސަލައިގެ ތުހުމަތުގައި އްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އާއި ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ބަންދުން ދޫކޮށްލީ، ގާނޫނު ބުނާގޮތުން ބަންދުގައި ބޭތިއްބޭ ޒާތުގެ ކުށަކަށް ނުވާތީ ކަމަށް ޕީޖީއިން ބުނާ ބުނުމުގައި އެއްވެސް ގާނޫނީ ހުއްޖަތެއް ނެތްކަން އާދަމް ޝަމީމްގެ ޓުވީޓުން ހާމަވެއެވެ.

ޕީޖީއިން އެބުނާ ގާނޫނަކީ ކޮބައިކަން ހާމަކޮށްދެއްވިފައިނުވާއިރު، އެއީވެސް ޝަމީމްގެ ގާނޫނީ ދިރާސާއަށް ބާރު ލިބޭ އިތުރު ކަމެއްކަން ފާހަގަކޮށްލެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button