ރިޕޯޓް

ދިރާސީ އަހަރު ފެށުނުއިރުވެސް މައްސަލަތައް 

ދިގު ޗުއްޓީއަކަށްފަހު، ދިރާސީ އަހަރު މިއަދު ފެށުނީއެވެ. ދިރާސީ އަހަރަށް ތައްޔާރުވުމަށް، ބެލެނިވެރިން، ފަހުވަގުތު ކުރަމުން ދިޔަ މަސައްކަތް ފެނުނީ މާލޭގެ ކާރޫބާރު ބޮޑު މަގުތަކުންނެވެ.

މިއަދު ދިރާސީ އަހަރު ފެށޭއިރު، ގްރޭޑް 1 އަށް އަލަށް ހިޖުރަކުރި ކުދިންނަށް އައު ސްކޫލެއްގެ ތަޖުރިބާއާއި އައު އެކުވެރިންގެ ތަޖުރިބާއަކީ ވަރަށް ތަފާތު ކަމެކެވެ. އަދި ހަމަ އެފަދައިން، އަނެއްކާވެސް އެކުވެރިންނާ ބައްދަލުވާ ދަރިވަރުންނަށްވެސް ކުރާނެ އަސަރަކީ ތަފާތު އެއްޗެކެވެ. އައު ކުލާހެކެވެ. އައު އެކުވެރިންނެވެ. 

މިއަހަރުގެ ދިރާސީ އަހަރާ ކުރިމަތިލީއިރު، ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޗުއްޓީ ބޭކާރުވުމެވެ. ޒަމާނުއްސުރެ ރާއްޖެއަށް ކުރަމުން އަންނަ ޖޫން ޖުލައިގެ ވިއްސާރައިގެ ތެރެއަށް ސްކޫލްގެ ބޮޑު ޗުއްޓީ ފެތިގެން ދިޔަކަމީ ގިނަ ބައެއްގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެގެން ދިޔަ ކަމެކެވެ. ޗުއްޓީ ބަދަލުކުރެއްވުމަށް މަޝްވަރާ ކުރެއްވިއިރު، ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުން ރާއްޖޭގެ މޫސުމަށް ނަޒަރު ނުކުރެއްވުމުގެ ތަކްލީފު މިއަދު އުފުލަން މިޖެހުނީ ދަރިވަރުންނާ ބެލެނިވެރިންނެވެ. ނުވަތަ ކޮންމެ އަހަރަކުވެސް ޖޫން، ޖުލައިގައި ރާއްޖެއަށްކުރާ ވިއްސާރަ، ސްކޫލް ބަންދާ ދިމާނުވާގޮތަށް، އަހަރެއްގެ އެހެން ހިސާބަކަށް ޖައްސާލެވޭނެ ތަރުކީބެއް ސިޔާސަތު ރާއްވަވާ ބޭފުޅުންނަށް އެނގިވަޑައިގެންފައި އޮތުމަކީވެސް ވެދާނެކަމެކެވެ.

މިއަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ނުލިބުމާއި، ބައެއް ފޮތްތައް ޗާޕްކޮށް، ސްކޫލްތަކާހަމައަށް ނުލިބުމުގެ ޝަކުވާއަކީވެސް ވަރަށްބޮޑު މައްސަލައެކެވެ. ދިވެހިންނަކީ، ފޮތްތައް ވަރަށް ރީތިކޮށް ގެންގުޅޭ ބަޔަކަށްވާތީ، ސްކޫލް ހުޅުވުނުއިރުވެސް، ފޮތްތަކުގެ ގަނޑުލެވިފައިނުވާތީ، ބެލެނިވެރިންގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ.  ސްކޫލްތައް ހުޅުވާދުވަސް މާކުރިން ކަނޑައަޅައި، ދަރިވަރުންގެ ޢަދަދު މާކުރިންވެސް އެނގޭއިރު، ދަރިވަރުންނަށް ބޭނުންވާ ޢަދަދަށް ފޮތްތައް ޗާޕްކޮށް، ދަރިވަރުންނާ ހަމައަށް ގެންނާނެގޮތެއް، ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް އެނގިވަޑައިނުގަތުމަކީ ހާދަހާވާ ދެރަކަމެކެވެ.

ދިރާސީ އަހަރުގެ ހަފްތާއެއްހާ ދުވަސްކުރުން، ޓީޗަރުން ސްކޫލްތަކަށް ހާޒިރުވާންޖެހުނަސް، ބައެއް ސްކޫލްތަކުގައި ޓީޗަރުން މަދުވުމުގެ މައްސަލައަކީ، އެކަމަށް އަވަސް ޙައްލުބޭނުންވާނެ މައްސަލައެކެވެ. ޓީޗަރުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލާއެކު، ޓީޗަރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވިއިރުވެސް، މިއަހަރަށް ބޭނުންވާނެކަމަށް ކުރިން ވިދާޅުވި ސަތޭކައެއްހާ ޓީޗަރުން ހޯދާނެގޮތެއް، ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް އެނގިވަޑައިނުގަތުމަކީ، ހާދަހާވާ ލަދުވެތި ކަމެކެވެ.

ސްކޫލްތަކުގެ ޖާގައަށް ބެލެނިވެރިން ”އިނާމު“ ހުށައެޅުމަކީވެސް، ބައެއް ފަހަރަށް ފެންނަ މަންޒަރެކެވެ. މިއަހަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހުޅުމާލޭގެ ފޭސް2 ގެ ދަރިވަރުން ކިޔެވުމަށް އުފުލަންޖެހޭނެ ތަކްލީފެވެ. ދުރާލާ ތައްޔާރުވެވުނުނަމަ، ނުވަތަ ބުއްދިއަކާއެކު ޕްލޭންކުރެވުނުނަމަ، އެ ދަރިވަރުން ކިޔަވާނެ ސްކޫލެއް ބިނާކުރާނެ ކިތައްމެ ރަގަޅު މުއްދަތެއް ލިބިއްޖެއެވެ. ނަމަވެސް މިއަދު އެ ދަރިވަރުން، އެހެން ސްކޫލެއްގެ ޔުނިފޯމެއްގައި، ވަގުތީގޮތުން ސްކޫލަކަށް ދާނެޖެހުމަކީ، އެ ދަރިވަރުންގެ އިހްސާސްތައް، ސިޔާސަތު ކަނޑައަޅަންތިއްބެވި ބޭފުޅުންނަށް އިހްސާސްނުވިކަމީ ދެރަކަމެކެވެ.

ހަމައެއާއެކު، ފޭސް2 ގައި ތިބި ދަރިވަރުންގެ ތެރެއިން މާލޭގެ ސްކޫލްތަކަށް އަންނަންޖެހޭ ދަރިވަރުން، ބަހުގައި ކުރަންޖެހޭ ދަތުރަކީވެސް، އެ ދަރިވަރުންނާ ބެލެނިވެރިންނަށް ބޮޑު ތަކުލީފެކެވެ. ދަރިވަރަކަށްވީތީ، ބަހުގައި ލިބޭނެ އިތުރު އިނާޔަތެއް ނެތެވެ. ޢާއްމު މީހާއާއެކު، ކިޔު ޖެހިގެން، ޖާގައެއް ނުލިބިއްޖެނަމަ، 20 މިނިޓް ފަހުން ދެންއަންނަ ބަހަކަށް މަޑުކުރަންޖެހޭނެއެވެ. އެކަމަކު، ސްކޫލްގެ ސެޝަން ދަރިވަރަށް މަޑުނުކުރާނެމަކާއި، ސެޝަން ފެށުމުގެ އެތަކެއް އިރެއްކުރިން ދަރިވަރުން ބަސް ސްޓޭޝަނަށް ދާންޖެހޭނެކަން ސިޔާސަތު ކަނޑައަޅުއްވަން ތިއްބެވި ބޭފުޅުންނަށް ފަހުމް ނުވުމަކީ ވަރަށް ދެރަކަމެވެ. 

ސަރުކާރުގެ ވަޢުދެއްގެ ގޮތުގައި ކޮންމެ ކުއްޖަކަށްވެސް ނާސްތާ ދިނުމަށް ފެށުނު ޕްރޮގްރާމް ”ވަޔަށް“ ދިއުމަކީވެސް ކަންބޮޑުވުމެކެވެ. އަދި ތަޢުލީމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ޅ) ގައި ސަރުކާރުގެ ކޮންމެ ސްކޫލަކުން ހެނދުނުގެ ނާސްތާ ފޯރުކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެއީ، ސްކޫލްގެ ކެންޓީނުކަމަށް ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުން ނިންމެވިކަމީވެސް ދެރަ ކަމެކެވެ. އެފަދަ ނާސްތާއެއް ފޯރުކޮށްދޭ ނިޒާމަކީ، ސްކޫލް ކުރިމަތިން ހުންނަ ”ކަޑަ“ ނޫންކަމަށް ކަނޑައެޅުއްވީތީ ޝުކުރު ހުއްޓެވެ. 2019 ވަނަ އަހަރު ފެށުނު ”ނާސްތާ“ ޕްރޮގްރާމް އެއް ހަމައެއްގައި ފޯރުކޮށް ނުދެވި، ކޮންމެ އަހަރަކު ބަދަލެއް ގެނެސް، ދެން މިހާރު އެއްވެސް ކުއްޖަކަށް ނާސްތާ ނުދޭގޮތަށް އެ ޕްރޮގްރާމް މުރާޖަޢާކުރުމަކީ ސިޔާސަތު ރާއްވަވާ ބޭފުޅުންނަށް އޭ ޕްލަސްވެސް ދޭންޖޭފަދަ ކަމެކެވެ.

އަލަށް ތަސްދީގުކުރެވުނު ތަޢުލީމުގެ ގާނޫނުގެ ދަށުން، ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުން ލިބޭނެކަމަށް ވިދާޅުވާއިރު، އެ ގާނޫނުގެ ދަށުން ވުޖޫދުކުރަންޖެހޭ  ގިނަ ގަވާޢިދުތައް، ދާއިރާގެ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ ހަމައަށް ފެންނަވަރު ނުވާކަމީ، ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންގެ ގާބިލްކަންކަމުގައި ދެކެން ޖެހެއެވެ.

ދިރާސީ އަހަރަށް ސްކޫލްތަކުގައި ކުލަލައި، ކުރީގައި ހުރި ގޭޓް އެހެން ތަނަކަށް ބަދަލުކުރުމަކީ، ދާއިރާގެ ކުރިއެރުމެއް ނޫނެވެ. ދާއިރާގެ ކުރިއެރުމަކީ، ސްކޫލްތަކުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކޮށް ”ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުން“ ކަމަށްވާއިރު، މި އަމާޒަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަމީ ހިތާމައެކެވެ. އެއްދަންފަޅިއަށް ސްކޫލްތައް ހިންގުމާއި ކޮންމެ ކުލާހެއްގައި 20 ކުދިން ބައިތިއްބަން ލިޔުނު ވަޢުދުތައް ނުފުއްދި، ދާއިރާގެ މައްސަލަތަކަށް ޙައްލެއް ހޯދައިނުދެވި، ފާއިތުވީ 4 ވަރަކަށްއަހަރު ސިޔާސަތު ރާއްވަވާ ބޭފުޅުން ކުރެއްވި މަސައްކަތަށް އައްޑަނަ ޙައްގެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button